ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު 10 ބިން ވިއްކުމަށް ބީލަމަށް ލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އޭގެތެރޭގައި ހިމެނެނީ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށާ ދިމާއިން ދޫކުރާ 3 ބިމަކާއި، ގޮނޑުދޮށް ހިމެނޭ ސަރަހައްދާ ކައިރިން ދޫކުރާ 7 ބިމެއް ކަމަށެވެ.
ބީޗް ފްރަންޓުން ވިއްކުމަށް ހަމަޖެހިފައިވަނީ 1,559 އަކަފޫޓާއި، 3,250 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އަދި ބީޗު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ 1,230 އަކަފޫޓާއި، 1,534 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.
މި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.
ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އޭގެތެރޭގައި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.
ބީލަން ފެށޭ އަގަކީ ބީޗް ސައިޑުން އަކަފޫޓަކަށް 4,000 ރުފިޔާ އަދި ބީޗު ފްރަންޓުން އަކަފޫޓަކަށް 4,500 ރުފިޔާއެވެ.
ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ އެކްސްޕްރެޝަން އޮޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމާއި، ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ ބިޑު ކުރުމެވެ. އެއް ބިމަށްވުރެ ގިނަ ބިމަށް ވެސް އީއޯއައި ހުށަހެޅިދާނެއެވެ.
މި ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ.
މިއަހަރުތެރޭގައި މީގެކުރިން ވެސް އެޗްޑީސީން ވަނީ ތިން ފަހަރެއްގެ މަތިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް ހުޅުވާލައިފައެވެ.

