ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސަރވިސްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގެ ބަދަލުގައި، އެ އޮފީހަކީ ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކުުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ބަންޑާރަނައިބުގެ އޮފީހުގެ ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
މި ބިލު ހުށަހެޅުއްވި ސަބަބަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ކަމަށް ބުނެފައިވެއެވެ.
މި ބިލުގައިވާ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލާނީ ދެބަޔަކަށެވެ. އެ ދެ ބަޔަކީ ލީގަލް ސަރވިސްއާއި، އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. އަދި މުވައްޒަފުންނަށް ދޭ މުސާަރައާއި، އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރުކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިޚުތިޔާރު ގާނޫނުން ދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެއިތުރުން ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ކަނޑައެޅުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

