ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި “ޓޮބޭކޯ ސިޒޭޝަން ކްލިނިކް” ގާއިމު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި ނިންމެވުމާ ގުޅިގެން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމު ކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށްވެސް ހަމަޖައްސަވާފައިވެއެވެ.
ދުންފަތުގެ އިސްތިތިއުމާލު ކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތަޢާރަފުކުރައްވާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނެއެވެ. މި އިސްލާހުތަކުގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުން ކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

