ހުޅުމާލޭ ފޭސް އެކެއްގެ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ފެނިފައިވަނީ މިއަދު ހަވީރު 16:30 ހާއިރު ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލު މޫދުންނެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނޑު މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފުލުހުން ކުރިކަމަށާއި އެހެންނަމަވެސް، ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އެއީ އަންހެނެއްކަމެއް ނުވަތަ ފިރިހެނެއްކަމެއް އަދި ދިވެއްސެއްކަމެއްވެސް އެނގިފައެއް ނުވެއެވެ.
ނިމުނު ހަފުތާގެ ބުދަ ދުވަހު، ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ވަނީ ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައެވެ.އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވި އެމީހާގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަަމަށާއި އެއީ ކޮންމެވެސް ކަހަލަ އުޅަނދެއްގައި ޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެކި ގޮތްގޮތަށް ސޯޝަލްމީޑިޔާގައި ވާހަކަ ފެތުރިގެން ދިޔައެވެ.

