ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ރައީސް ނިންމަވާފައިވާ ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ތަންފީޒުކުރަން ފަށަން ވާނެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކުރައްވައިގެން، މި ސިސްޓަމުގެ ތެރެއިން ސިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވޭނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން، މާލެ ސަރަޙައްދާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށާއި، ސިޓީތަކުގައި ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ. އަދި ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ކުޑަކުރުމަށް ޓަކައި، މާލެ ސަރަޙައްދުގައި މިހާރު ޖާގަ ލިބެންހުރި އިމާރާތްތައް ބައްލަވައި އެ މަސައްކަތް އަވަސްކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ސިއްޙީ ދާއިރާ ތަރައްގީކުރުމަށް އަންނަނީ އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މި ގޮތުން ދާދި ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އަދި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވައިފައެވެ.

