ވަޒީރުންގެ މަޖިލީހުން އިއްޔެ ބޭއްވި ޖަލްސާގައި އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓް (އޭ.ޕީ.އާރް.އެފް.އެޗް.އީ)ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރިވުމަށް ނިންމައިފިއެވެ.
މިއީ ސިއްޙަތާ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމަކަށް ވަޒީރުންގެ މަޖިލީހުން ރުހުން ދިނުމެކެވެ.
މި ފޯރަމްގައި ބައިވެރިވުމުން ދިވެހިރާއްޖެއަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި ސަރަޙައްދީ އެއްބާރުލުން އިތުރުވުމާއި، ސިއްޙަތާއި ތިމާވެށީގެ ދާއިރާއިން ޤައުމީ ސިޔާސަތުތައް އެކުލަވާލުމަށް އެހީތެރިކަން ލިބުން ހިމެނެއެވެ. އަދި ޑިޖިޓަލް ހެލްތު ބޭނުންކުރުމުގެ ފުރުސަތު ލިބި، ފަންނީ ތަމްރީނުތަކާއި ދިރާސާތަކަށް އެހީތެރިކަން ލިބޭނެއެވެ.
އޭ.ޕީ.އާރް.އެފް.އެޗް.އީ އަކީ 2004 ވަނަ އަހަރު އުފެއްދި، ތިމާވެށި އަދި ސިއްޙަތާ ގުޅުންހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރާ ފޯރަމެކެވެ. މި ފޯރަމްގައި ބައިވެރިވުމުން ދައުލަތުން އަދި އާންމު ފަރުދުން އެއްވެސް އިލްތިޒާމެއް އުފުލާކަށް ނުޖެހޭނެއެވެ.

