މަނީ ޗޭންޖިން ވިޔަފާރި ކުރުމަށް ލައިސަންސަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ލައިސަންސް އާނުކުރާ 163 ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ބުނިގޮތުގައި “މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު” ގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަނީ ޗޭންޖިން ވިޔަފާރި ކުރުމަށް ލައިސަންސް ހޯދުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހުޅުވާލި މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. މި މުއްދަތުގައި ޖުމްލަ 98 ފަރާތުން ލައިސަންސަށް އެދި ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މީގެކުރިން މަނީ ޗޭންޖިން ލައިސަންސް 212 ފަރާތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 134 އަކީ ކޮމާޝަލް ވިޔަފާރިތަކެވެ. އަދި 76 އަކީ ޓޫރިސްޓް ރިސޯޓުތަކެވެ. ނަމަވެސް އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާފައި ނުވާ 163 ފަރާތެއްގެ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 99 ކޮމާޝަލް ވިޔަފާރި އާއި 64 ރިސޯޓު ހިމެނެއެވެ.
އަލަށް ހުޅުވާލި ފުރުސަތުގައި ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ ތެރެއިން 49 ފަރާތަކުން ވަނީ ލައިސަންސަށް އެދި ހުށަހަޅާފައެވެ. މީގެ ތެރޭގައި ޓިއަ 1 މަނީ ޗޭންޖިން ލައިސަންސްއަށް އެދި 35 ކޮމާޝަލް ވިޔަފާރި އާއި ޓިއަ 2 މަނީ ޗޭންޖިން ލައިސަންސަށް އެދި ހުށަހެޅި 14 ރިސޯޓު ހިމެނެއެވެ. އަދި މުޅިން އަލަށް 49 ފަރާތަކުން ލައިސަންސަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.
މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޓިއަ 1 މަނީ ޗޭންޖިން ލައިސަންސްއަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ. ޓިއަ 1 ގެ ދަށުން އެޕްލިކޭޝަން ފީގެ ގޮތުގައި 20،000 ރުފިޔާ ދައްކަންޖެހޭއިރު، އަހަރީ ފީގެ ގޮތުގައި 24،000 ރުފިޔާ ދައްކަންޖެހެއެވެ. މި ލައިސަންސްގެ ދަށުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއަށް ޖެހޭ ބޭރު ފައިސާގެ އަދަދަކަށެވެ.
އަނެއްކޮޅުން، ޓިއަ 2 މަނީ ޗޭންޖިން ލައިސަންސްއަކީ ހަމައެކަނި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ.
އާ ގަވާއިދުގައިވާ ގޮތުން މަނީ ޗޭންޖިން ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. މީގެއިތުރުން، ކުންފުނިތަކުގެ މާލީ ހިސާބުތައް އެމްއެމްއޭ އާ ހިއްސާކުރަން ޖެހެއެވެ. ލައިސަންސްއަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދޫކުރާނީ ގަވާއިދުގައިވާ ޝަރުތުތަކަށް ފެތޭ ކުންފުނިތަކަށް އެކަންޏެވެ.
މި އާ ގަވާއިދާއެކު ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބޭރު ފައިސާގެ މުޢާމަލާތްތައް ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

