އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން ފަސްވަނަ ހާފިޒަކަށް އެ ފުރުސަތު ދީފިއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފަހަރު އެ ފުރުސަތު ދީފައިވަނީ ގއ. ދެއްވަދޫ، އަސްވާޑް، އަލްހާފިޒާ ޝަބީނާ އާދަމް އަށެވެ.
މި މަޝްރޫޢުގެ ދަށުން މީގެ ކުރިން އުމްރާއަށް ދިއުމުގެ ފުރުސަތު ދީފައިވަނީ އަލްހާފިޒު އަލީ ރައީފް، އަލްހާފިޒު އާސިރު އާރިފް ޔޫސުފު، އަލްހާފިޒު އަޛިން މުހައްމަދު އަދި އަލްޙާފިޒާ ސަހިއްޔާ އަބްދުލް އަނީއަށެވެ. މިއާއެކު މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ ފަސް ހާފިޒަކަށް އުމްރާއަށް ދިއުމުގެ ފުރުސަތު ލިބިފައިވެއެވެ.
ޤުރުއާން ހިތުދަސްކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެށުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރ އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި މަޝްރޫޢު ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް މާތް އަދި މުހިންމު ކަމެއް ކަމަށާއި، ހާފިޒުންނަށް އުމްރާއަށް ދިއުމުގެ ފުރުސަތު ދިނުމަކީ އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމުގައެވެ.
މި މަޝްރޫޢަކީ ރާއްޖޭގައި ޤުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ހާފިޒުންނަށް ހިތްވަރު ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ގިނަ ޒުވާނުންނަށް ޤުރުއާން ހިތުދަސްކުރުމަށް ޝައުޤުވެރިކަން އިތުރުވެ، ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

