ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މޯލްޑިވްސް މީޑިއާ ހައުސްއާއެކު ވެފައިވާ ކުލީގެ އެއްބަސްވުން އުވާލުމަށް ނިންމައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެންސްޕާއިން ނެރުނު ބަޔާނެއްގައެވެ.
އެންސްޕާއިން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ހައުސްއިން ދައްކަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ އަދި މައުނަވީ ގެއްލުންތަކެއް ވަމުންދާތީއެވެ. މީޑިއާ ހައުސްއިން މި މުއާމަލާތްތަކާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާއިން ތުހުމަތުކޮށްފައިވެއެވެ.
އެންސްޕާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މީޑިއާ ހައުސްއިން ކުއްޔަށް ހިފާފައިވާ ތަނަކީ އެންސްޕާ ހިންގަމުންދާ މޫކައި ސުއިޓު އިމާރާތެވެ. މި އިމާރާތުގެ މަސައްކަތްތައް ކުރުމަށްޓަކައި އިމާރާތް ހުސްކުރުމަށް އަންގާފައިވާކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.
އެއްބަސްވުން އުވާލުމުގެ ނިންމުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީއަށް އެންގުމަށްފަހުގައެވެ. އަދި މިކަމާ ގުޅިގެން ކުރަންޖެހޭ އިތުރު މުއާމަލާތްތަކާއި އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާނެކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެންސްޕާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ތަން ކުއްޔަށް ހިފާފައިވަނީ އޯޕަން ޓެންޑަރގެ އުސޫލުގެ ދަށުންނެވެ. ނަމަވެސް، މީޑިއާ ހައުސްއިން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން މި އެއްބަސްވުން އުވާލަން ޖެހުނީކަމަށް އެންސްޕާއިން ބުނެފައިވެއެވެ..

