ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އުސް އިމާރާތްތަކުގެ އަލިފާން ނިއްވުމަށް ބޭނުންކުރާ ޑްރޯނަކާއި، ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިއު މަސައްކަތްތަކުގައި ބޭނުން ކުރާ ޑީޕް ޓްރެކަރެއް ހަދިޔާ ކޮށްފި އެވެ.
މި ވަސީލަތްތައް ހަދިޔާ ކޮށްދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ސްޓެލްކޯގެ ފަރާތުން މި ވަސީލަތްތައް އެމްއެންޑީއެފްއާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ހުސައިން ފަހުމީއެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ނިއްވުމަށް ހަދިޔާކުރި ޑްރޯނަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. އަދި ޑީޕް ޓްރެކަރަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް، ރޮބޮޓިކް އާމެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތެކެވެ.

ސްޓެލްކޯ އިން އެމްއެންޑީއެފަށް ހަދިޔާކުރި ސާމާނު
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ވަސީލަތްތައް ހަދިޔާކުރުމުން، އެމްއެންޑީއެފްގެ ސަލާމަތީ އަދި ސާޗް އެންޑް ރެސްކިއު މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އުސްއިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަވަސް އަދި ފަސޭހަ ހައްލެއް ހޯދުމަށް މި ޑްރޯން އެހީތެރިވެދޭނެ ކަމަށް ލަފާކުރެވެއެވެ.

