އޮސްޓްރޭލިއާއިން ބުރާސްފަތި ދުވަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ޤާނޫނު ފާސްކޮށްފިއެވެ. މިއީ މުޅި ޤައުމުގެ ސަމާލުކަން ލިބިފައިވާ މައްސަލައަކާ ގުޅޭ ގޮތުން ކުރެވުނު ބަހުސަކަށް ފަހުގައެވެ.
މި ޤާނޫނުގެ ދަށުން އިންސްޓަގްރާމް އަދި ފޭސްބުކްގެ ވެރިފަރާތް ކަމުގައިވާ މެޓާ އަދި ޓިކްޓޮކްއިން ކުޑަކުދިން ލޮގިން ނުވެވޭގޮތް ހެދުމަށް ބާރުއަޅައެވެ. އެހެންނޫންނަމަ 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (32 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ. މި ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ބޭނުންކުރެވޭނެ ގޮތްތަކުގެ ޓްރަޔަލްއެއް އަންނަ އަހަރު ޖެނުއަރީ މަހު ފެށޭނެއެވެ. އަދި މިކަން އެއް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރެވޭނެއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުންގެ ނަފްސާނީގޮތުން ކުރާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން އުފެދިފައިވާތީ، ސޯޝަލް މީޑިއާ ބޭނުންކުރެވޭ އުމުރު ކަނޑައެޅުމަށް ޤާނޫނު ހަދާފައިވާ ނުވަތަ ހަދަން ރާވާފައިވާ ސަރުކާރުތަކުގެ އަދަދު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ، ސޯޝަލް މީޑިއާ މިނިމަމް އޭޖް ބިލުގެ ސަބަބުން ހުރިހާ ގައުމެއްގެ ލޯތައް މިވަނީ އޮސްޓްރޭލިއާއަށް ހުއްޓިފައެވެ.
ފްރާންސް އަދި އެމެރިކާގެ ބައެއް ސްޓޭޓްތަކުން ބެލެނެވެރިންގެ ހުއްދައާ ނުލައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ޤާނޫނުތައް ފާސްކޮށްފައިވެއެވެ. ނަމަވެސް އޮސްޓްރޭލިއާއިންވަނީ މިކަން މުޅިން މަނާކޮށްފައެވެ. ފްލޮރިޑާގައި ވެސް 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ޤާނޫނެއް ޝަރުޢީ ކޯޓަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޚިލާފުވާ ކަމަށް ބުނެ ދެބަސްވުންތައް ވަނީ އުފެދިފައެވެ.
އޮސްޓްރޭލިއާގެ ޕާލަމެންޓްރީ އަހަރުގެ އެންމެ ފަހު ދުވަހުގެ ބައްދަލުވުމުގައި މި ޤާނޫނު ފާސްކުރެވުނީ، ބޮޑުވަޒީރު އެންތަނީ އަލްބަނީޒްގެ ސަރުކާރުގެ ދަށުންނެވެ. އަލްބަނީޒް 2025 ގައި އޮންނަ އިންތިޚާބަށް ކުރިމަތިލާއިރު، ރައްޔިތުންގެ ތާއީދު ދަށްވަމުންދާކަން ފެންނަމުންދެއެވެ. ކުޑަކުދިން ސޯޝަލް މީޑިއާ މަނާކުރުމާއި ދެކޮޅަށް ބައެއް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބަހުސްކުރި ކަމުގައި ވިޔަސް، އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި 77% ރައްޔިތުން މިކަމަށް ތާއީދުކުރެއެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ހައި ސްކޫލް ދަރިވަރަކު ސޯޝަލް މީޑިއާ
އެޕްލިކޭޝަންތައް ބޭނުންކުރަނީ.
2024 ވަނަ އަހަރު ހިންގުނު ޕާލަމެންޓްރީ ތަޙުޤީޤެއްގައި، ސޯޝަލް މީޑިއާގައި ބުލީކުރެވުމުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދީފައިވާ ބައެއް ކުދިންގެ މައިންބަފައިންގެ ހެކިބަސް އަޑުއެހުމަށްފަހު، އޮސްޓްރޭލިއާގެ މީޑިއާތަކުން މި ކަމަށް ތާއީދުކޮށްފައިވެއެވެ. އެ ޤައުމުގެ އެންމެ ބޮޑު ނޫސް ކަމުގައިވާ ރޫޕަރޓް މަރޑޮކްގެ ނިއުސް ކޯޕް އިން "ލެޓް ދެމް ބީ ކިޑްސް" ނަމުގައި ކެމްޕޭނެއް ހިންގައި މިކަމަށް ތާއިދުކޮށް މަސައްކަތްކޮށްފައިވެއެވެ.
ނަމަވެސް މި މަނާކުރުމުގެ ސަބަބުން އޮސްޓްރޭލިއާ އެކުވެރި ޤައުމެއް ކަމުގައިވާ އެމެރިކާއާ އޮތް ގުޅުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ޤާނޫނުގެ ސަބަބުން އޮސްޓްރޭލިއާއާއި ގިނަ އަދަދެއްގެ އެމެރިކާގެ ޓެކް ވިޔަފާރިތަކައި ދެމެދު މިހާރުވެސް އޮތް ގުޅުންވެސް ހީނަރުވެގެންދާނެއެވެ.
މެޓާގެ ތަރުޖަމާނެއް ބުނެފައިވަނީ ފޭސްބުކްގެ ވެރިފަރާތުން އޮސްޓްރޭލިއާގެ ޤާނޫނަށް އިޙްތިރާމްކުރާ ކަމަށެވެ. ނަމަވެސް މިކަމާމެދު ކަންބޮޑުވުން އޮތް ކަމަށެވެ. އެއީ އެ އިންޑަސްޓްރީން މިހާރުވެސް ހުރިހާ އުމުރަކާއި ގުޅޭ ތަޖުރިބާތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށާއި، ޒުވާނުންގެ އަޑުތަކަށް އިޖަބަނުދީ އަވަސްއަވަހަށް ޤާނޫނު ފާސްކޮށްފައިވާތީ ކަމަށެވެ.
ސްނެޕްޗެޓްގެ މައި ކުންފުނި ކަމުގައިވާ ސްނެޕްގެ ތަރުޖަމާނެއް އީމެއިލެއްގައި ބުނެފައިވަނީ އޮސްޓްރޭލިއާގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާނެ ކަމަށެވެ. ނަމަވެސް މި ޤާނޫނާ ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ.
"މި ޤާނޫނު ޢަމަލީގޮތުން ތަންފީޒުކުރެވޭނެ ގޮތާ ގުޅޭގޮތުން އަދިވެސް ވަރަށް ގިނަ ސުވާލުތައް އެބަހުރި. ނަމަވެސް 12 މަސްދުވަހުގެ ތަންފީޒުކުރުމުގެ މުއްދަތުގައި ސަރުކާރާއި އީސޭފްޓީ ކޮމިޝަނަރާ ގާތުން މަސައްކަތްކޮށް ޢަމަލީގޮތުން ކުރެވޭނެ ކަންކަމަށް ބަލާނަން." އެ ތަރުޖަމާނު ބުނިއެވެ.
ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ދަށަށް ވަންނާނެ ކަމަށް ސަރުކާރުން ބުނެފައިވާ ޓިކްޓޮކް އަދި އެކްސްގެ ތަރުޖަމާނުން އަދި މިކަމައި ބެހޭގޮތުން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލްފަބެޓްގެ ގޫގުލްގެ ސަބްސިޑިއަރީ ކަމުގައިވާ ޔޫޓިއުބް މަނާކޮށްފައެއް ނުވެއެވެ . އެއީ ސްކޫލްތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ މަންސައަކަށް ވެފައިވާތީއެވެ.
ބައެއް ޒުވާނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ބުނެފައިވަނީ ސޯޝަލް މީޑިއާ މަނާކުރުމުގެ ސަބަބުން ގިނަ ޒުވާނުން މުޖުތަމައު އިން ބާކީވެގެން ހިނގައިދާނެ ކަމަށެވެ. އޮސްޓްރޭލިއާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ މި ޤާނޫނުން މުޖުތަމަޢުގައި ޒުވާނުން ބައިވެރިވުމުގެ
ޤާބިލުކަމަށް ހުރަސްއެޅުމުގެ ސަބަބުން ޒުވާނުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެވޭ ކަމަށެވެ.
ނަމަވެސް ކުދިންގެ ބެލެނެވެރިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނަކުރުމަށް ތާއީދުކޮށްފައިވެއެވެ. އެމެރިކާގެ ސަރޖަން ޖެނެރަލް ވިވެކް މަރތީ 2023 ގައި ދެއްކި ވާހަކައެއްގައި އޭނާ ބުނެފައިވަނީ ސޯޝަލް މީޑިއާއިން ޒުވާނުންގެ ނަފްސާނީ ގޮތުން ލިބޭ ގެއްލުމަށް ބަލާއިރު މިއީ ވިސްނާލަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
"ސޯޝަލް މީޑިއާ އަމިއްލައަށް ބޭނުންކުރެވޭނެ ވަކި އުމުރެއް ކަނޑައަޅައި، ކޮންޓްރޯލް އަނބުރާ މައިންބަފައިންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އަހުރެން ދެކެން." އޮސްޓްރޭލިއާގެ އެންޓި-ބުލީއިންގ އެޑްވޮކޭޓް ޢަލީ ހަލްކިކް ބުނެފައިވެއެވެ. އޭނާގެ 17 އަހަރުގެ ދަރިފުޅު ޢާލަމް ވަނީ 2009 ވަނަ އަހަރު ސޯޝަލް މީޑިއާގައި ބުލީގެ ޝިކާރައަކަށްވެ އަމިއްލައަށް މަރުވެފައެވެ.

