ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އަރބަން ޑިވެލޮޕްމަންޓްގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.
އަރބަން ޑިވެލޮޕްމަންޓްގެ ބިލު މި ބިލަކީ މިދިޔަ ނޮވެންބަރު މަހުގެ 27 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ގާނޫނުގެ ދަށުން ރާއްޖޭގައި އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. އެއީ މިހާރުނަމަ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަހައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި، އެ ފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، “އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި އޮތޯރިޓީ ހިނގަމުންދާނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުންނެވެ.
މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސްދުވަސް ފުރިހަމަވާ ތާރީޚުން ފެށިގެންނެވެ.

