މި ސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، ކުރިއެރުންތައް ފާހަގަކުރައްވައި، ޗައިނާ ސަފީރު ވޮންގ ލީޒިން ތައުރީފު ކުރައްވައިފައެވެ.
ޗައިނާ ސަފީރު ވޮންގ ލީޒިން މިފަދަ ތައުރީފެއް ކުރެއްވީ ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހަށް، މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޗައިނާ ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި، އަދި ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި، މި ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިރުޝާދު، ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަނީ މަތީ ތައުލީމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރައްވައި އިތުރަށް ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވައިފައެވެ.
އެއީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކޮށް، ދެމެހެއްޓެނިވި ރޫހެއްގައި އެއްބާރުލުން ދީގެން ހޯދިފައި އޮތް ކުރިއެރުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސާއި ޗައިނާ ސަފީރު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

