ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދާންދޫ ސްޕޯޓްސް ކުލަބު އަދި ބޮންބޮން ސްޕޯޓްސް ކުލަބު ކުޅުނު މެޗް ބޮންބޮން ސްޕޯޓްސް ކުލަބު އިން ކާމިޔާބު ކޮށްފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ ފޯރިގަދަ މި މެޗް ބޮންބޮން އިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ދެޓީމްގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހަމަހަމަ ޕޮއިންޓްތަކާއިއެކު ފުރަތަމަ ސެޓުގެ ކުޅުން 25/22 އިން ކާމިޔާބު ކުރީ ބޮންބޮން ސްޕޯޓްސް ކުލަބެވެ. ދެވަނަ ސެޓު ފަށައިގެން ދާންދޫއިން ދިޔައީ 4 ޕޮއިންޓްގެ ލީޑަކާއިއެކު ކުޅެމުންނެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކުން އަދި ބޮންބޮންގެ ރަނގަޅު ނިންމުންތަކާއި އެކު މިސެޓު ވެސް 25/22 ކާމިޔާބު ކުރީ ބޮންބޮން ސްޕޯޓްސް ކުލަބެވެ. މެޗުގެ 3 ވަނަ ސެޓު ގައި ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މިސެޓު 25/21 އިން ކާމިޔާބުކޮށް ބޮން ބޮން އިން ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ބޮންބޮން ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 12 މުހައްމަދު ރިމާޒު ( ރިމޭ ) އެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ފަހު 2 މެޗް މާދަމާ ކުޅޭނެއެވެ. ޓޮޕް ބްރަދާސް އަދި ބޮންބޮން ސްޕޯޓްސް ކުލަބު މާދަމާ ހަވީރު 16:15 ގައި ކުޅޭ އިރު ފިރިހެން ޑިވިޝަންގެ ޓޮޕް ބްރަދާސް ވާދަކުރަން ޖެހެނީ ކެޕިޓަލް ސިޓީއާއި އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 05 ޑިސެމްބަރު ގައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

