ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން އެއްހާސް ޓަނުގެ މުދާ އެކްސްޕޯޓުކޮށްފިއެވެ.
ެއެމްއޭސީއެލްއިން ބުނީ މި ޚިދުމަތަށް ވަރޖިން އެޓްލާންޓިކް މިއަދު ގުޅުމާއެކު، ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގައި ޖުމްލަ 12 އެއަރލައިންއަކުން ބައިވެރިވާ ކަމަށެވެ.
މި ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑު މަގުން
ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ
މަންޒިލަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި އެމްއޭސީއެލް އިން އަލަށް ފެށި ޚިދުމަތެކެވެ. މި އަހަރުގެ މެއިމަހުގެ ތެރޭގައި ފެށި މި ޚިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގަރމެންޓް ޝިޕްމަންޓްތަކެވެ.
އައު އެއަރލައިންތަކުން މި ޚިދުމަތާ ގުޅުމަކީ ވީއައިއޭގެ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. އެގޮތުން މިހާރު ވީއައިއޭގައި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ޚިދުމަތްދެމުންދާ އެއަރލައިންތަކަކީ:
1.ޓަރކިޝް އެއަރލައިންސް
2.ގަތަރު އެއަރވޭސް
3.އެމިރޭޓްސް އެއަރލައިން
4.އިއްތިހާދު އެއަރވޭސް
5.އެރޯފްލޮޓް
6.ނިއޯސް
7.ގަލްފް އެއަރ
8.ޑިސްކަވަރ އެއަރލައިންސް
9.އޮސްޓްރައިން އެއާލައިންސް
10. ކޮންޑޯ
11. ބްރިޓިޝް އެއާރވޭސް
12. ވަރޖިން އެޓްލާންޓިކް
އެމްއޭސީއެލްއިން ބުނީ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާއެކު ވީއައިއޭއިން ދެމުންދާ ކާގޯގެ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެންގޮސްފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެމްއޭސީއެލްއިން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިއީ އެމްއޭސީއެލްގެ އޮޕަރޭޝަންސް ފުޅާކޮށް ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު މުޅިން އަލަށް ތައާރަފުކުރެވުނު ޚިދުމަތެކެވެ. އަދި މި އަހަރު ހުޅުވުނު ކާގޯ ޓާމިނަލްއަކީ މިފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ.

