ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި، ޗައިނާއިންވަނީ ގާތްގަނޑަކަށް 1،000 މެޓްރިކް ޓަނު (1،100 ޔޫއެސް ޓަނު) ގެ އަގުހުރި ރަން އެކުލެވޭ ރަން ފަށަލައެއް ހޯދާފައެވެ.
ގާތްގަނޑަކަށް 600 ބިލިއަން ޔުއާން ނުވަތަ 83 ބިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި މި ފަށަލައަކީ، މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު އަދި އެންމެ އަގުހުރި ރަން ފަށަލަ ކަމަށް ވެއެވެ. މިއީ ރަނުގެ އެންމެ ބޮޑު ފަށަލަ ކަމަށް ބެލެވޭ ސައުތު އެފްރިކާގެ ސައުތު ޑީޕް މައިންގައި އޮތް ކަމަށް ލަފާކުރެވޭ 900 މެޓްރިކް ޓަނުގެ ފަށަލައަށް ވުރެ ބޮޑު ފަށަލައެކެވެ.

ޗައިނާގެ ހުނާން ޕްރޮވިންސްގެ ޖިއޮލޮޖިކަލް ޑިޒާސްޓަރ ސާރވޭ އެންޑް މޮނިޓަރިންގ އިންސްޓިޓިއުޓްގެ ޓެކްނީޝަނުން، ޕިންގްޖިއާންގ ކައުންޓީގެ ހިލަ ސާމްޕަލްތައް ދިރާސާކުރަނީ. (ޝިންހުއާ/ސޫ ޝިއާއޯޒޯ)
ހުނާން ޕްރޮވިންސްގެ ޖިއޮލޮޖިކަލް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި، ހުނާން ޕްރޮވިންސްގެ އުތުރު އިރުމަތީގައި އޮންނަ ޕިންޖިއާންގ ކައުންޓީގައި 2 ކިލޯމީޓަރު (1.2 މޭލު) ފުންމިނުގައި 40 ރަން ފަށަލަ ފެނިފައިވެއެވެ.
މި ފަށަލަތަކުގައި އެކަނި 300 މެޓްރިކް ޓަނުގެ ރަން އެކުލެވޭ ކަމަށް ބެލެވެއެވެ. އަދި 3 ޑީ މޮޑެލިންގ އިން ދައްކާ ގޮތުގައި 3 ކިލޯމީޓަރުގެ ފުންމިނާ ހަމައިން އިތުރު ރަން ފަށަލަތައް ހުރެދާނެއެވެ.

މި ހޯދުން ފެނިފައިވަނީ ފޮޓޯގައި ދައްކާފައިވާ ޕިންގްޖިއަންގް ކައުންޓީން.
"ވަރަށް ގިނަ ކޯ ސާމްޕަލްތަކުގައި ލޮލަށް ފެންނަ ގޮތަށް ރަން ފެންނަން ހުރި" ކަމަށް ބިއުރޯގެ ޕްރޮސްޕެކްޓަރ ޗެން ރުލިން ބުނެފައިވެއެވެ.
ކޯ ސާމްޕަލްތަކުން ދައްކާ ގޮތުގައި ކޮންމެ މެޓްރިކް ޓަނެއްގެ މައުދަނުގައި 138 ގްރާމް (ގާތްގަނޑަކަށް 5 އައުންސް) ގެ ރަން އެކުލެވިގެންވެއެވެ. މިއީ ވަރަށް މަތީ ފެންވަރުގެ ރަނެވެ. އެއީ ބިމުގެ އަޑިން ނަގާ މައުދަނުގައި 8 ގްރާމަށް ވުރެ ގިނައިން ރަން އެކުލެވޭނަމަ އެއީ ވަރަށް މަތީ ފެންވަރުގެ މައުދަނު ކަމުގައި ބެލެވޭތީއެވެ.
2024 ގެ ކުރީކޮޅު ޗައިނާގައި 2،000 ޓަނަށް ވުރެ ގިނަ ރަން ހުރި ކަމަށް ބެލެވުނެވެ. އަދި ޗައިނާގެ މައުދަނު ނަގާ ފަރާތްތަކުން ދުނިޔޭގެ ޖުމުލަ ރަން އުފެއްދުންތަކުގެ ގާތްގަނޑަކަށް 10 އިންސައްތަ ހިއްސާކުރެއެވެ. މިހާރުވެސް ދުނިޔޭގެ ރަނުގެ މާކެޓް ކޮންޓްރޯލް ކުރަމުންދަނީ ޗައިނާއިންނެވެ.
މި ހޯދުންތައް އިއުލާނުކުރުމާ ގުޅިގެން، ދުނިޔޭގެ ހާލަތު ހުރި ގޮތުން ޑިމާންޑް ބޮޑުވެ، މިހާރުވެސް އުފުލެމުންދާ ރަނުގެ އަގު އިތުރަށް މައްޗަށް ގޮސްފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުފެނި ހުރީ ކިހާ މިންވަރެއްގެ ރަންތޯ އަދި ސާފެއް ނުވެއެވެ. ބިންގަނޑު އުފެދުމުގެ ކުރިން، ތަރިތަކުގެ އެތެރޭގައި އުފެދުނު މި އަގުހުރި މައުދަނަކީ، އެ ތަކެތި ނެގުމަށް ޒަމާންތަކެއް ނަގާ އެއްޗެކެވެ.
ހުނާން ސަރަޙައްދުގެ ވަށައިގެން ނެގިފައިވާ ކޯ ސާމްޕަލްތަކުން ދައްކާ ގޮތުގައި، މި ފަށަލަ ފުރަތަމަ ލަފާކުރެވުނު ވަރަށްވުރެ ބޮޑުވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން، މި ސަރަޙައްދުގެ ބިމުގެ އަޑީގައި އޮތް މި ފަށަލައަކީ ހަގީގަތުގައިވެސް ރަނުގެ މުއްސަނދި ސަރަހައްދެކެވެ
މި އަހަރަކީ ރަނުގެ ހޯދުންތަކުގެ ގޮތުން ފާހަގަކޮށްލެވޭ އަހަރެކެވެ.
މާރިޗު މަހު، އިނގިރޭސިވިލާތުގައި ރަން ހޯދާ މީހަކަށް އެ ޤައުމުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ރަން ފޮއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވެނެވެ.

ހިރޯސް ނަގެޓްގެ ނަމުން ނަންދީފައިވާ މި ރަންގަނޑުގެ ބަރުދަނުގައި 64.8 ގްރާމް ހިމެނެ. (މަލޮކް ޖޯންސް)
އަދި މީގެ ދެ މަސް ކުރިން، އޮސްޓްރޭލިއާގެ ސައިންސްވެރިންވަނީ ރަން އުފެދޭ އާ މެކޭނިޒަމެއް ހޯދައިފައެވެ. އެގޮތުން، ބިންހެލުމުގެ ސަބަބުން ކުރާ ސައިސްމިކް އަސަރުތަކުގެ ސަބަބުން ބޮޑެތި ރަން ގަނޑުތައް އުފެދޭ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ސައިންސްވެރިން ދަނީ މި އަގުހުރި ވަސީލަތް ބޭނުންކޮށްގެން ކުރެވިދާނެ އައު ކަންތައްތަކާ ބެހޭ ގޮތުން ދިރާސާކުރަމުންނެވެ.
އޭޕްރީލް މަހު ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، "ގޯލްޑީން" ކިޔާ ދެ ޑައިމެންޝަންގެ އައު ބާވަތެއްގެ ރަން އުފައްދާފައިވެއެވެ. މިއީ އެންމެ އެޓަމް ފަށަލައެއް ހުންނަ އެއްޗެކެވެ. މި ބާވަތުގެ ރަނުގައި ތިން ޑައިމެންޝަންގެ ރަނުގައި ނުފެންނަ ބައެއް ޚާއްޞަ ސިފަތައް ހުރެއެވެ.
ރަނަކީ އިންސާނީ ތާރީޚުގައި އަބަދުވެސް އަގުހުރި އެއްޗެއްގެ ގޮތުގައި ބެލެވެމުން އައި ޒަމާންވީ މައުދަނެއް ނަމަވެސް، އަހަރެމެންނަށް މި މައުދަނާއި ބެހޭ ގޮތުން އަދިވެސް ނޭނގޭ އެތައް ކަމެއް ހުރިކަން ސާފުވެއެވެ.

