ދުނިޔޭގައި ތަފާތު އިސްކޮޅުގެ މީހުން ދިރިއުޅެއެވެ. ގުދުރަތުން އެކި މީހުންނަށް އެކިވަރަށް އިސްކޮޅު ލިބިފައިވާއިރު، އިސްކޮޅުގެ ކުރުކަމާއި ދިގުކަން މިއީ އާއިލީ ގޮތުން އެކިމީހުންނަށް މިންވަރުކުރާ ގޮތެވެ. އިސްކޮޅުގެ ސަބަބުން ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ފަރާތްތަވެސް އެބަތިއްބެއެވެ. އެގޮތުން އެންމެ ކުރު އަންހެނާގެ ލަގަބް ހޯދާފައިވަނީ އެކިއެކި ޝޯތަކުން ފެންނަ ފަރާތެއް ކަމަށްވާ ޖޯތީ އަމްގޭ ނަމަކަށް ކިޔާ އަންހެނެކެވެ. އެ އަންހެމީހާގެ އިސްކޮޅުގައި ހުންނަނީ 62.8 ސެންޓިމީޓަރެވެ. އެއީ (2 ފޫޓް 0.7 އިންޗި) އެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ ދިގު އަންހެނާ އާއި ދުނިޔޭގެ އެންމެ ކުރު އަންހެނާ ވަނީ ހޮވާފައެވެ. މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ ލަންޑަނުގައެވެ. ގިނިސް ވޯލްޑް ރެކޯޑްސްއާއި ގުޅޭ ބަޔާނެއްގައި ބުނެފައިވަނީ އެންމެ ދިގުއަންހެނާގެ ދިގުމިނުގައި 215.16 ސެންޓިމީޓަރު (7 ފޫޓް 0.7 އިންޗި) ހުންނަކަމަށެވެ. އޭނާގެ ނަމަކީ ރޫމޭސާ ގެލްގީއެވެ.
މި ދެ އަންހެނުންގެ އިސްކޮޅުގެ ތަފާތަކީ 152.36 ސެންޓިމީޓަރެވެ. (5 ފޫޓު) ބޮޑު ތަފާތެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދެމީހުން އިސްކޮޅުގެ ހުންނަ ތަފާތުތައް ކިޔައިދެމުން ދެމީހުންވެސް ބުނެފައިވަނީ ދެ މީހުންގެ ވެސް އެއްގޮތް ކަންތައްތަކެއް ހުންނަކަމަށާއި، މޭކަޕާއި ސެލްފް ކެއާ އާއި ގަހަނާ ބޭނުން ކުރުމަށް ހުންނަ ޝައުގާއިއެކު އަދި ނިޔަފަތިތައް ގެންގުޅޭ ގޮތްވެސް އެއްގޮތް ކަމަށެވެ. އަދި ހެނދުން އެޅުމުގައިވެސް އެއްގޮތް ކަންތައްތަކެއް ހުންނަ ކަމަށެވެ.
ނަމަވެސް ދިމާވުމުން ބަލާބެލުމަށް ދެމީހުންގެ ހުރި އިސްކޮޅުގެ ތަފާތާއެކު ބައެއް ފަހަރު އެކަކުއަނެކަކަށް ބަލަން އުނދަގޫވާ ކަމަށް ވެސް ބުންޏެވެ.

ގިނިސް ވޯލްޑް ރެކޯޑް ހާސިލް ކޮށްފައިވާ ޖޯތީ އަމްގޭ އަދި ރޫމޭސާ ގެލްގީ
އަމްގޭ ބުނެފައިވަނީ އޭނާއާއި ތަފާތު ހަށިގަނޑުގެ ވެރިއާ ހާއްސަކޮށް ރެކޯޑް ހޯލްޑަރާ ބައްދަލުވުމުން ވަރަށް އުފާވާ ކަމަށެވެ.
ތުރުކީގެ ވެބް ޑިޒައިނަރެއް ކަމަށްވާ ގެލްގީ ބުނެފައިވަނީ އޭނާއަކީ 2021 ވަނަ އަހަރު ދިރިއުޅުނު އެންމެ ދިގު އަންހެނާކަމަށް ކަށަވަރު ވެފައިވާއިރު އެނާއަށް ދިމާވެފައިވާ ބައްޔަކީ ވީވާ ސިންޑްރޯމް ނަމަކަށް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށެވެ. އަމްގޭ ބުނި ގޮތުގައި އޭނާ އަކީ އެ ސިންޑްރޯމް ޖެހިފައިވާ 27 ވަނަ މީހާ އެވެ.

