އަންނަ ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމަށް ކުރިން ދިން މުއްދަތު ހަމަވީ 30 ނޮވެންބަރުގެ ނިޔަލަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބައެއް ފަރާތްތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ އިއްޔެއިން ފެށިގެން 11 ޑިސެންބަރުގެ ނިޔަލަށް ފުރުސަތު އަލުން ހުޅުވައިލާ ކަމަށެވެ.
މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް https://quranmadhaha.malecity.gov.mv މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާނަމަ މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.
މިއިން ކޮންމެ ގޮތްޕެއްގައި ވެސް 3 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މަދަހަ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

