ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން “އޮޕަރޭޝަން ކުރަނގި” މި ނަމުގައި ކުރިއަށްގެންދާ އައްޑޫ ސިޓީގެ ހިތަދޫގައި ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އިއްޔެ ބުނީ ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނާރެސް ޕޯޓަލް މެދުވެރިކޮށް، ސަރުކާރުން ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން، ހިތަދޫ އަވަށުގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް އެ އޮފީހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 01 އިން 31 އަށް “ބަންދުނޫން ކޮންމެ ދުވަހަކު” ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާނީ:
ހެނދުނު 8:30 އިން 9:30 އަށް.
މެންދުރުފަހު 13:00 އިން 14:00 އަށް.
ކައުންސިލުން ބުނީ 31 ޑިސެންބަރުގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތްތަކާމެދު، ސަރުކާރުން ނިންމަވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.
މި މަސައްކަތަކީ ސަރުކާރުން އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށްވާތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

