ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ޔޫއޭއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި، އެ ގައުމުގެ ނައިބު ރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމް އަށް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށެވެ.
މީގެއިތުރުން ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށާއި އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ވަނީ ޔޫއޭއީގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި، އެ ގައުމުގެ ނައިބު ރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެންފައެވެ. އަދި އެ ގައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވާފައެވެ.

