ރާއްޖޭގެ ވައި ނުސާފުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، މި ވަގުތު ހޭޒްގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުުތުރުގެ ސަރަހައްދުތަކަށެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރެއްގައި ވެސް ޑިސެމްބަރުގައި ރާއްޖެއަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރުކުރެއެވެ.
ޖައްވުގެ ނުސާފުކަން އަންދާޒާކުރާ "އައި ކިޔު އެއާ" އިން ދައްކާ ގޮތުން މިވަގުތު އެންމެ ވައި ނުސާފުކަމަށް ދައްކަނީ ވިލިމާލެއަށެވެ. ވިލިމާލޭގައި ވައި ނުސާފު މިންވަރު ހުރީ 94 ގައެވެ.
މީގެއިތުރުން މާލެއަށް 82 ގައި ހުރިއިރު، ށ.ފުނަދުގައި ވައި ނުސާފު މިންވަރު ހުރީ 55 ގައެވެ.

ވައިގެ ނުސާފުކަން 51 އާއި 100 އާ ދެމެދުގައި ހުންނަނަމަ، ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ރައްކާތެރި ގޮތަކީ ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވުމެވެ.

އެޗްޕީއޭއިން މިއަދު ވަނީ ވައި ނުސާފުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

