ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ތައިލެންޑް ސަފީރަކަށް ފުއާދު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ ނޮވެމްބަރު 25 ގައެވެ. މި މައްސަލަ ދިރާސާ ކުރުމަށް ކުރިން ބޭއްވި ބައްދަލުވުމުގައި ފުއާދުގެ ގާބިލުކަމަށް ބަލައި އިންޓަވިއު ނުކުރަން ކޮމިޓީން ވަނީ ނިންމާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށަހެޅުއްވީ، ފޮރިން ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާތީ، ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދިނުމަށެވެ. މި ހުށަހެޅުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 9 މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.
ފުއާދު އީސީގައި މަސައްކަތް ކުރަން ފެށްޓެވީ 2008 ވަނަ އަހަރުގައެވެ. އޭނާ އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު، އިންތިގާލީ މަރުހަލާގެ ތެރޭގައެވެ. ދެވަނަ ދައުރަކަށް އީސީގެ ރައީސް ކަމަށް ފުއާދު އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ފުއާދުގެ އިންތިޚާބީ ތަޖުރިބާގެ ތެރޭގައި އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބާއި 2009 ވަނަ އަހަރުގެ އިންތިހާބުތައް ހިމެނެއެވެ.

