ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު ނ. ހޮޅަދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށްފަހު ޒަކިއްޔާގެ މަރާގުޅިގެން އުފައްދާފައިވާ ތުހުމަތަށް ބާރުލިބިދޭ އެއްވެސް ހެއްކެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މިއަދު މިމަރުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ ޒަކިއްޔާގެ އާއިލާގެ މައްޗަށް ވަރަށް ގިނަބަޔަކު ތުހުމަތުކުރެވޭ ގޮތަށް ވާހަކަދައްކާ ކަމަށާއި، ނަމަވެސް އެކަން ހިގާފަވަނީ އެގޮތަށް ކަމަށް ގަބޫލުކުރެވޭ ގޮތުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވާ ގޮތުން އޭނާގެ ކަރު އޮތީ ބުރިކޮށްލާފައެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ނުލިބި ދުވަސްތައް ފާއިތުވެފައިވާތީ ހޮޅުދޫގެ ރައްޔިތުން ވަނީ މިދިޔަ ހޯމަ ދުވަހު އިހުތިޖާޖަށް ވެސް ނުކުމެރެފައެވެ. އަދި އެމަރަށް 80 ވަރަކަށް ދުވަސްވެފައިވާތީ އެންމެ ރަނގަޅަށް ތަހުގީގް ނުކުރެވޭ ކަމަށްވެސް އެރަށުގެ ރައްޔިތުން ބުނެއެވެ.
އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. އެ ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާ ކަމަށް ބުނެވޭއިރު ޒަކިއްޔާ ވެއްޓިފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރިކަމަށްވެސް ބުނެފައި ވެއެވެ.

