ސެޕްޓެންބަރު މަހުގައި ކުޅުދުއްފުށީ ބަނދަރުގައި ނިޔާވެފައި އޮއްވައި ފެނުނު އެ ސިޓީ ޑެއިޒީފެހި، މުހައްމަދު ހަސަން ނިޔާވީ ގެނބިގެންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަންގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މުހައްމަދު ހަސަންގެ ހަށިގަނޑުގައި ހުރީ ވަރަށް ކުދި އަނިޔާތަކެއް ކަމަށެވެ.
ސާމިހު ވިދާޅުވި ގޮތުގައި މުހައްމަދު ހަސަންގެ ހަށިގަނޑު ފެނުނު ހިސާބާ ދުރުނޫން ތަނެއްގައި އޭނާގެ ސައިކަލު ހުރިކަމަށާއި، އެ ރޭ ދަންވަރު ބަނދަރު ސަރަހައްދުގައި މުހައްމަދު ހަސަން އުޅުނުތަން ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ދަންވަރު 2:55 ހާއިރު ކަމަށާއި، އޭގެ ފަހުން އޭނާ އެއްގަމަށް އައި މަންޒަރު ފެނިފައިނުވާކަމަށް ސާމިހު ވިދާޅުވިއެވެ.
"މުހައްމަދު ހަސަންގެ ހަށިގަނޑުގެ ބޭރުން ހަންމެށިފައިހުރި ކުދިކުދި ބައެއް ޒަހަމްތައް ހުރި ނަމަވެސް ބޮޑު އަނިޔާއެއް ނުވަތަ މީހެއްގެ ފުށުން އެފަދަ އެއްވެސް އަނިޔާއެއް ލިބިފައިހުރިކަން ފާހަގަނުވޭ،" ސާމިހު ވިދާޅުވިއެވެ.
އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މުހައްމަދު ހަސަން މަރުވީ ގެނބިގެންކަން ސާމިހު ހާމަކުރެއްވިއެވެ. ނަމަވެސް، ތަހުގީގު ފުރިހަމަކުރެވޭނީ އޮޓޮޕްސީގެ ދާއިމީ ނަތީޖާ ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާތަނަށް ކުރެވުނު ތަހުގީގުތަކުން މުހައްމަދު ހަސަން ނިޔާވުމުގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް އޮތްކަމަކަށް ނުފެނޭ،" ސާމިހު ވިދާޅުވިއެވެ.
ސެޕްޓެންބަރު 11 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ނިޔާވެފައި އޮއްވައި މުހައްމަދު ހަސަން ފެނުމާ ގުޅިގެން އޭނާގެ ހަށިގަނޑުގައި ވަރަށް ބޮޑެތި ޒަހަމްތަކެއް ހުރިކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކުރިއެވެ.

