މާލެ ސަރަހައްދުގައި ހިއްކައިގެން ތަރައްގީކުރަމުން އަންނަ ކ.ގުޅީފަޅު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުން ނަގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެފްޑީސީން ބުނީ ގުޅީފަޅު އެ ކުންފުނިން ދަށަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ލިޔެކިޔުންތައް ބަދަލުކުރުމާއި، ގުޅީފަޅާ ގުޅޭ ގޮތުން ހަދާފައި ހުރި އެގްރިމަންޓްތައް ރިވިއުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތްތައް ނިމި، އެފްޑީސީއަށް ގުޅީފަޅު ހަވާލުކުރާނެ ތާރީޚެއް އަދި ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަނީ ކެބިނެޓުން ނިންމާފައިވާ ގޮތަށް އެ ކުންފުންޏާއި އެޗްޑީސީ އެއްކޮޮށްލުމުގެ މަސައްކަތް ކަމަށެވެ.
ކެބިނެޓުން ވަނީ އެޗްޑީސީގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމަށް ނިންމައިފައެވެ. އެ މަސައްކަތްތައް އަންނަ ފެބުރުވަރީ 01 އަށް ނިންމުމަށް ކެބިނެޓުން ވަނީ ކަނޑައަޅާފައެވެ.

