ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވ. ހަފޮޅު/މާލެ، ފާތިމަތު (41 އަހަރު) އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ފާތިމަތުގެ މައްޗަށް ތުހުމަތު ކުރެވެނީ މާރާމާރީ ހިންގުމާއި، އާންމު އުނދަގޫކުރުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށެވެ.
ބަންދު އަމުރުގައި ބަޔާން ކޮށްފައިވާ ގޮތުގައި، ފާތިމަތަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫ ކުރާ މީހެކެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރި ދުވަހުވެސް އެފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ދުވަހު ފާތިމަތު ހުއްޓުވައި ނަސޭހަތްތެރިވާން އުޅުމުން، އޭނާ ފިލަން މަސައްކަތްކޮށް ފުލުހެއްގެ ގައިގައި ޖަހައި ދަތް އަޅާފައިވާ ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފާތިމަތު ބުނެފައިވަނީ އޭނާއަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށާއި، ފުލުހެއްގެ ގައިގައި ދަތް އެޅުނު ކަމެއްވެސް އަދި ޖެހުނު ކަމެއްވެސް ނޭނގޭ ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ފާތިމަތު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފާތުމަތަކީ ކުށުގެ ރިކޯޑު އޮތްއިރު ޖަލުހުކުމެއްގައިވެސް އުޅުނު މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މަންޒަރުދުށް މީހަކު ކިޔައިދިން ގޮތުގައި ފާތުމަތަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ އަންހެނެކެވެ. ތަންކޮޅެއް ކުރިން މަސްމާރުކޭޓު ގޮޅިއެއްގައި ދުވަސްކޮޅަކަށް މަސައްކަތް ވެސް ކުރި ކަމަށް ބުނެފައިވާއިރު އެމީހާ ފާހަގަކޮށްފައިވާ ގޮތުގައި އޭގެ ފަހުން މާރުކޭޓު ތެރެއިން އަބަދުވެސް ފެންނަ ކަމަށާއި އެހެންނަމަވެސް މިފަހަކަށް އައިސް ހުންނަނީ ކުރިއާ ހިލާފަށް ވަރަށް ހަޑިކޮށް ކަމަށާއި ކުރިން ވަރަށް ބަސް މަދުމީހެއް ކަމަށްވިޔަސް މިހާރު އަބަދުވެސް ކޮޮންމެވެސް މީހަކާ ޒުވާބުކޮށް ހަޅޭއްލަވައި އަޑުގަދަކުރުން އާންމު ކަމަށެވެ. އެމީހާ ބުނި ގޮތުގައި ފާތުމަތު އެކަނި އިނދެ ވާހަކަދައްކައި ރޮއެ ހަދާ ކަމަށްވެސް ވެއެވެ، އެހެންކަމުން އޭނާއަކީ ހަގީގަތުގައިވެސް މިހާރު ސިކުނޑީގެ ކޮންމެވެސް މައްސަލައެއް ޖެހިފައިވާ މީހެއް ކަމަށް ލަފާވެއެވެ. މަސްތުވާތަކެތީގެ ބައެއް ބާވަތްތަކުން މީހުންގެ ސިކުނޑިއަށް އަސަރުފޯރުވައި ބުއްދި ފިލުވައިލުމާއެެކު މިހާރު މީހާ ސިކުނޑީގެ އުނިމީހަކަށްވެސް ހަދާލައެވެ. މީގެ ކުރިން ރާއްޖެއިން މިފަދަ މައްސަލަތައް ނުފެނުނުކަމުގައި ވިޔަސް މިހާރު މަގުތައް މަތިން އެކަނި ވާހަކަދައްކައި ހެމުން، އެކަނިމާއެކަނި އަޑުގަދަކޮށް ހަޅޭއްލަވައި ރޯ މީހުން ފެންނަލެއް ދަނީ ގިނަވަމުންނެވެ.

