އަބަދު އިވެނީ ވަރީގެ އަޑެވެ. ހިލޭ ފިރިހެނުން ހޯދާ ވާހަކައެވެ. ފިރިހެނަކު ގިނަ އަންހެނުން ހޯދުން އެއީ ގަޓު ކާމިޔާބު ކަމަކަށް ވެފައި އަންހެނަކު ހިލޭ ފިރިހެނަކާ ވާހަކަދެއްކުން އެއީ ފާފައަކަށް ވުމަކީ ވަރަށް ހެއްވާ ކަމަކަށް ނުވޭތޯއެވެ. ހަގީގަތަކީ ފާފައިގައި ދެބައި މީހުންވެސް ވާނީ ހަމަހަމަކަމެވެ. ތަފާތަކީ އަންހެނަކު ކުރާ ފާފަ އޭނާގެ ބަނޑުން، އޭނާގެ ޖިސްމުން ފެނިދާނެއެވެ، އެކަމަކު ފިރިހެނެއްގެ ފާފަ ނުފެނި ފެންފޮދަކުން ދޮވެވިދާނެއެވެ. އެކަމަކު މިބިމުގައި އެހެންވިޔަސް ހަގީގަތަކީ ފާފައިގައި ދެމީހުންވެސް ހަމަަހަމަވެފައިވާ ކަމެވެ.
ކޮންމެގޮތެއްވިޔަސް މިއީ މައުޟޫއެއް ނޫންކަމަށްވާތީ މިވާޙަކައާއި ދީނީ ނަޒަރިއްޔާތު އިހަށް އެއްފަރާތްކޮށްލާފައި ދުނިޔޭގެ ނަޒަރިއްޔާތުން ކަންހިނގާގޮތަށް ބަލާލަމާތޯއެވެ.

އަނބިމީހާއާމެދު ސަމާލުކަން ނުދިނުމަކީ ވަރަށްފަސޭހައިން އޭނާގެ ހިތްހަލާކުވެ އެނބުރެން ދިމާވާކަމެއް / ފޮޓޯ:ދަސަން
އެއްބައި އަންހެނުން ކެތްތެރިވެގެން، ފިރިމީހާއާއި ދަރިންނަށްޓަކައި ގުރުބާންވެގެން ތިއްބަސް އަނެއްބައި އަންހެނުންގެ ކެތްތެރިކަން ބޮއްސުންލައި، އޯގާތެރި ހިޔަލަކަށް އެދެމުން ގޮސް އެހެން ދިމާއަކުން އެއޯގާތެރިކަމާއި އަޅާލުން ލިބެން ފަށާ ހިސާބުން ގޭގެ ހަތަރުފާރުން ބޭރަށް އޭނާގެ ހިތާއި ނަފުސާއި ހަށިގަނޑުގެ ސަމާލުކަން ދާގޮތްވެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވުމުން މިފަދަ ހަގީގަތާ ދެކޮޅު ހެދޭކަށް ނޯންނާނެއެވެ. ރަނގަޅު ވާހަކައެކެވެ. ކިތަންމެ ހެޔޮލަފާ ފިރިއަކު ހުއްޓަސް އަންހެނަކު ބޭވަފާތެރި ވެދާނެއެވެ. އަދި ކިތަންމެ ނުރަނގަޅު ފިރިއަކާއެކުވެސް ބައެއް އަންހެނުން އުމުރު ހޭދަކޮށްފާނެއެވެ. މިދައްކަން އުޅެނީ އެފަދަ އަންހެނުންގެ ވާހަކަައެއް ނޫނެވެ، މި ދައްކަން އުޅެނީ ގިނަ ފަހަރަށް ކަންހިނގާ ގޮތުގެ ވާހަކައެވެ.

ގުޅުން އެހާ ފަސޭހައިން ހީނަރުވިޔަނުދީ ދުރުކަން ނައްތާލަން މަސައްކަތްކުރާށެވެ / ފޮޓޯ:ރިލޭޝަންއިމޭޖަސް
ކައިވެނީގެ ގުޅުމަކީ ވަރަށް ނާޒުކު އަދި މުހިންމު ގުޅުމެކެވެ. މި ގުޅުން ދެމެހެއްޓުމަށް ދެމަފިރިން އެކުގައި މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް، ބައެއް ފަހަރު ފިރިމީހާގެ ފަރާތުން ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން އަނބިމީހާ އެހެން ފިރިހެނަކާ ދިމާލަށް ދާން މަޖުބޫރުވެއެވެ. މިފަދަ ހާލަތްތަކުގައި ފިރިމީހާގެ ފަރާތުން ކުރެވޭ ބައެއް ކަންތައްތަކަކީ ގިނަ ފަހަރު އެފިރިހެނަކަށްވެސް ނުވިސްނި ހިނގާފައި ހުންނަ ކަންކަމަށްވެސް ވެދާނެއެވެ.
ހީނަރުވެގެންދާ ގުޅުމުގައި ޖެހޭ މައްސަލަތައް އަދި ހައްލުކުރެވިދާނެ ގޮތްތައް
ދެމީހެއްގެ ގުޅުން ކައިވެންޏަކާ ހަމައަށް ދަނީ ދުވާލާއި ރޭގަނޑު އެކުވެގެން ވެސް އެކުގައި ހޭދަކުރާ ވަގުތު މަދުވެގެން ޝަކުވާކޮށްކޮށް ތިބެއެވެ. ތާއަބަދުު ވާހަކަދައްކާ ދައްކާ ފޫހިނުވެއެވެެ. ދައްކާނެ ވާހަކަ ހުސްނުވެ އެވެ. ދުވާލު ވެއްޖެއްޔާ ރޭގަނޑު ބައްދަލުވާނެ އިރެއްގެ އިންތިޒާރުކޮށް އެވާހަކަ ގުޅަައިގެން މެސެޖުކޮށްގެން ހިއްސާކުރުމުގައެވެ. އަދި ރޭގަނޑު ބައްދަލުވުމާއެކު ހުވަފެން ހިއްސާކުރުމާއި ތަރިތަކާއި ހަނދުގެ ދަރުބާރުގައި އުދުހޭ މަންޒަރު ކުރަހައިދީ ކުލަކުރުމާމެދު ހިޔާލު ބަދަލުކުރުމުގައެވެ.

ކައިވެނީގެ ފަހުން ގުޅުން ހިހޫވިޔަނުދޭށެވެ. ކުރީގެ އެއޮތް ހޫނުކަމުގައި ބާއްވަން ހިތްވަރުކުރާށެވެ. / ފޮޓޯ:ސްޕައުސް
އެހެންނަމަވެސް އެއްކަލަ ތާއަބަދު އެކުގައި އުޅޭނެ ފުރުސަތު ފަހިވެ، އެއްފުރާޅެއްގެ ދަށުގައި އެއްއެނދެއް ހިއްސާކޮށްގެން އުޅެން ފެށުމާއެކު ދެމީހުންގެ މެދުގައި ކުރިން ނެތް ދުރުކަމެއް، ދެމެދުގައި އައިސް ސާބިތުވެގަނެއެވެ.
އަދިހަމައެއާއެކު މުވާސަލާތުގެ މުއްސަނދިކަން މިހާ ތަނަވަސް ޒަމާނެއްގައިވެސް އެކަކު އަނެކަކާ ވާހަކަދައްކައި ހިޔާލު ބަދަލުކޮށް އަމިއްލަ ވާހަކަތައް ހިއްސާކޮށް އަނެކާގެ ވާހަކަ އަޑުއަހައި މައްސަލަތަކަށް ބައިވެރިވެގެން ހައްލު ހޯދުން ފަދަ ކަންކަން ދަތިވުމެވެ. ގިނަ ފިރިހެނުން އަނބިމީހާގެ ޝަކުވާތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަނބިމީހާގެ ޝަކުވާތަކަށް ރަނގަޅަށް އަޑުއަހައި، އޭގެ މައްޗަށް ވިސްނައި، ޙައްލު ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކައިވެނީގެ ގުޅުމަކީ ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ދަމަހައްޓަންޖެހޭ ގުޅުމެކެވެ/ ފޮޓޯ: ޝަޓަސްޓޮކް
އެއްކަލަ ތާއަބަދު އެކުގައި ވުމަށް، އަބަދު އެކުގައި އުޅުމަށް ވަގުތު ހުސްކޮށްގެން އުޅުނު އުޅުން ބަދަލުވެ އެކުގައި ތިބޭނެ ވަގުތު މަދުވެއެވެ. އެކުގައި ހޭދަ ކުރާނެ ވަގުތު އަނބިމީހާއަށް ނުދިނުމަކީ ނޭނގި ނަމަވެސް ހެދޭ ބޮޑު ގޯހެކެވެ. ދަރިއަކު ލިބުނީމަ އަނބިމީހާއަށް ތިމާގެ ބޭނުން ނުޖެހޭނެއޭ ހީކުރާ މީހުންވެސް ތިބެދާނެއެވެ. ނުވަތަ އޭނާގެ ގިނަ ވަގުތު ދަރިފުޅަށް ދެނީއޭ ހީވެ ދުރުވެގަންނަ މީހުންވެސް ތިބެދާނެއެވެ. އެކަމަކު ނިކަން ސަމާލުވެ ހަނދާންކޮށްލަބަލާށެވެ.
ދުވާލުހަތަރުދަމުގެ ވަރުބަލިކަމާއެކުވެސް ނިދިޖެހިފައި އޮތަސް ގޮވާލުމުން ތެދުވާނެއެވެ. އެވަގުތުކޮޅަށް އިންތިޒާރު ކުރުމުގައި އިން ވަރު ބުނެދޭނެ ހިތްވަރެއް ނުލިބުނަސް ހިތާއި ނަފުސުން އިންތިޒާރު ކުރިކަން ރަނގަޅަށް ވިސްނާލުމުން އެއަނބިމީހާގެ މޫނުން ފެންނާނެއެވެ. އަނބިމީހާއަކީ ގޭގެ މަސައްކަތާއި ދަރިންގެ ބެލެހެއްޓުންތެރިޔާކަމަށް ހީކޮށް އަޅާނުލުމަކީ ހެދޭ ބޮޑު ގޯހެކެވެ. ގިނަ ފިރިހެނުން މަސައްކަތުގެ ދުވަސްކޮޅު ނިމުމުން ގޭގައި ހޭދަކުރާ ވަގުތު މަދުވެއެވެ. އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުން ދެމީހުންގެ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އިތުރަށް ދަސްވެއެވެ.

އެކަކުއަނެކެއްގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ./ ފޮޓޯ:ފްރީޕިކް
ތެޅިގެން އަވަސް އަރުވާލައިގެން ކައިވެންޏެއް ކުރިއިރު ދެމީހުންނަށް އެކަކުއަނެކަކު ނޭނގުމުން ދެންވެސް ކައިވެންޏަށްފަހުވެސް ދެނެގަންނާކަށް މަސައްކަތެއް ނުކުރެވެއެވެ. އެކުގައި އުޅެން ފެށިއިރު ހެދުނު ގޯހެއްކަން ނޭނގުނަސް އެކަކު އަނެކަކަށް ދަސްނުވުމުގެ މައްސަލަ ނުކުންނާނެއެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކަކު އަނެކަކަށް ދަސްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެކަކުގެ އާދަތަކާއި، ޝައުގުތަކާއި، ބޭނުންތައް ދެނެގަތުމަކީ ގުޅުން ވަރުގަދަ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެފަދަ ކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން އަނބިމީހާގެ ސަމާލުކަން އޭނާއާމެދު ހާއްސަކަމެއްދޭ މީހަކާދިމާއަށްދާކަން މާގިނަ ވަގުތުތަކެއް ނުނަގާނެއެވެ.
އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާ އާމެދު ވިސްނާނުލެވެއެވެ. ކައިވެނީގެ ކުރިން އަނބިމީހާގެ ރީތިކަމަށް ތައުރީފު ކުރުމާއި އަނބިމީހާ ކުރާ ކުދިކުދި ކަންކަމަށްވެސް ސަމާލުވެ، ގޮތްބުނެދީ، އަޅާލައި ހެދި މީހާ ކައިވެންޏަށް ފަހު މިކަންކަން ދޫކޮށްލުމުން އެއާދަވެފައި ހުރި ލޯބި ހޯދުމަށް އޭނާގެ ސަމާލުކަން ދާނީ ގެއާ މާދުރަށެވެ.

ކައިވެންޏަކީ ދެ އާއިލާއެއްގެ މެދުގައި އުފެދޭ ގުޅުމެކެވެ. /ފޮޓޯ:ރިލޭޝަންޓިޕްސް
އަނބިމީހާއަށް ތައުރީފުކޮށް، އޭނާގެ މަސައްކަތްތަކަށް އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން ނުކުރުމުގެ ސަބަބުން އަނބިމީހާ ހިތްހަމަނުޖެހި، އެހެން ފަރާތްތަކުން މި ސަމާލުކަން ހޯދަން މަސައްކަތް ކުރަން ފަށައިފާނެއެވެ.
ކައިވެނީގެ ގުޅުމަކީ ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ދަމަހައްޓަންޖެހޭ ގުޅުމެކެވެ. ފިރިމީހާ އިސްވެ ނަގާ ޒިންމާތަކާއި، އަނބިމީހާއަށް ދޭ ސަމާލުކަމަކީ މި ގުޅުން ވަރުގަދަ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ. އަނބިމީހާގެ އިޙްސާސްތަކަށް އަޑުއެހުމާއި، އޭނާއާއެކު ފެންވަރު ރަނގަޅު ވަގުތު ހޭދަކުރުމާއި، އޭނާގެ ބޭނުންތަކަށް އިޖާބަދިނުމަކީ ދެމަފިރިންގެ ގުޅުން ހަރުދަނާކޮށް، އަނބިމީހާ އެހެން ފިރިހެނަކާ ދިމާލަށް ދިއުން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
އަދި ހަނދާން ބަހައްޓަންވީ ކަމަކީ، ކައިވެންޏަކީ ހަމައެކަނި ދެމީހުންގެ މެދުގައި އޮންނަ ގުޅުމެއް ނޫންކަމެވެ. އެއީ ދެ އާއިލާއެއްގެ މެދުގައި އުފެދޭ ގުޅުމެކެވެ.

ސަމާލުކަން ނުދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. / ފޮޓޯ:ސްޕައުސް
އެހެންކަމުން، މި ގުޅުން ރޫޅުމުން ކުރިމަތިވާނެ އިޖުތިމާއީ އަދި ނަފުސާނީ އަސަރުތަކަށްވެސް ވިސްނަންޖެހެއެވެ. ހާއްސަކޮށް ދަރިން ތިބި ހާލަތެއްގައި، މިކަމުގެ ނޭދެވޭ އަސަރު އެކުދިންނަށް ކުރާނެކަން ޔަގީނެވެ.
ފިރިހެނުން ވިސްނަންވީ ކަމަކީ، އަނބިމީހާއަކީ ހަމައެކަނި ގޭގެ ކަންކަން ބަލަހައްޓާ މީހެއްގެ ގޮތުގައި ނުދެކުމެވެ. އޭނާއަކީ ހަޔާތުގެ ބައިވެރިޔާކަމަށް ދެކި، އެގޮތަށް މުއާމަލާތްކުރަން ދަސްކުރަންވާނެއެވެ. އަނބިމީހާގެ ޝަހުސިއްޔަތަށް އިހުތިރާމްކޮށް، އޭނާގެ ހިޔާލުތަކަށް އަޑުއަހައި، އޭނާގެ އުންމީދުތަކާއި ހުވަފެންތައް ހާސިލު ކުރުމަށް އެހީތެރި ވާންވާނެއެވެ.
އަދި ހަމައެހެންމެ، ކައިވެނީގެ ގުޅުމުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމަކީ ވަރަށް މުހިންމު ދެ ސިފައެވެ. އެކަކު އަނެކަކަށް ދޮގުހަދައި، ހިޔާނާތްތެރިވުމަކީ ގުޅުން ނެތިދިއުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން، ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކުރަންވާނެއެވެ.

ވަކިވުމަކީ ހައްލެއް ކަމުގައި އެހާ އަވަހަށް ނުނިންމާށެވެ. / ފޮޓޯ:ސްޕައުސް
ކައިވެނީގެ ގުޅުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަން ޖެހޭ މުހިންމު ގުޅުމެކެވެ. މި ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ދެމަފިރިން އެކުގައި މަސައްކަތް ކުރަންޖެހެއެވެ. ފިރިމީހާގެ ފަރާތުން ކުރެވޭ ކުދިކުދި ފަރުވާކުޑަ ކަންތައްތަކުގެ ސަބަބުން އަނބިމީހާ އެހެން ފިރިހެނަކާ ދިމާލަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ސަމާލުވެ، އަނބިމީހާގެ އިހުސާސްތަކަށް އިހުތިރާމްކޮށް، އޭނާއަށް ލޯބިދީ އަޅާލުމަކީ ކޮންމެ ފިރިއެއްގެވެސް ޒިންމާއެކެވެ. މިގޮތަށް އަމަލު ކުރުމުން، ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވެ، އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެކަން ކަށަވަރެވެ.

