މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަމަހައްޓުމަށް އެޅި ފިޔަވަޅަކީ ކާމިޔާބު ފިޔަވަޅެއް ކަމަށް މޯލްޑިވްސް މަނިޓްރީ އޮތޯރިޓީ ( އެމްއެމްއޭ) އިން ބުނެފިއެވެ.
މޫޑީސް އިން ހެދި އެސެސްމަންޓަކީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ފޮރިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކާމިޔާބުކަމާއެކު ހޯއްދެވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، އެރޭޓިން އިން ދައްކުވައިދެނީ ފައިނޭންސިންގ އަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ވަނުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އައު ފޮރިން ކަރަންސީ ރެގިއުލޭޝަން ތައާރަފްކުރުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރުން ތަންފީޒުކުރަމުންދާ ރެވެނިއު ރިފޯމްތަކާ ބެހޭގޮތުން ނިންމާފައިވާ ނިންމުންތައް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން ދާދި ފަހުން ފޮރިން ކަރަންސީ ގަވާއިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ޑޮމެސްޓިކް ބޭންކިން ސިސްޓަމްގެ ތެރޭގައި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުވެ، ނެޓް އިންޓަނޭޝަނަލް ރިޒާވް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނއެވެ. އަދި ބޭރު ފައިސާއިންނަގާ ޓެކުހާއި ފީގެ ރޭޓްތަކަށް ހަމަޖެއްސުމަށްވެސް ބޭރު ފައިސާގެ މިންވަރަށް ބެލުމާއި ރެވެނިއު މޮބިލައިޒޭޝަންގެ އިތުރުން، 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ބަޔާންކޮށްފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ސަބްސިޑީއަށް ގެންނަން ރާވާފައިވާ އިޞްލާޙުތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ހިންގުން ފަދަ ކަންކަމުގެ ސަބަބުން، ކުރިމަތިވާ ކަންބޮޑުވުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތަ އާއި ބޯހިޔާވަހިކަން ފަދަ ޕަބްލިކް އިންވެސްޓްމަންޓްތަކަށް އިސްކަންދިނުމަށް އިނޮވޭޓިވް ފައިނޭންސިން އޮޕްޝަންތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ޕްރައިވެޓް ސެކްޓާއާ ގުޅިގެން ކުރަމުން ކަމަށް ބުނެއެވެ.
އަދި އިޔާދަކުރަނިވި ހަކަތައަށް ބޮޑެތި އިންވެސްޓްމަންޓްތަކާއެކު، ބޭރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ޕްރެޝަރުތަކަށް ލުޔެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މޫޑީސްއިން ފާހަގަކޮށްފައިވާ ނުރައްކާތައް ސަރުކާރުން ޤަބޫލުކުރާއިރު، ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރތަކަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ޓަކައި ރާވާފައިވާ ފިސްކަލް ކޮންސޮލިޑޭޝަން ފިޔަވަޅުތައް ތަންފީޒުކުރުމުގައި ސަރުކާރުން ދެމިތިބޭނެއެވެ. ޙައްސަކޮށް ސަރުކާރުގެ “މޯލްޑިވްސް އިކޮނޮމިކް ރިފޯމް އެޖެންޑާ” ކާމިޔާބުކަމާއެކު ތަންފީޒުކުރެވި، އިޤްތިޞާދީ ދުވެލި އިތުރުވެ، ފިސްކަލް އަދި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި އަލުން އިއާދަވެގެންދާނެ ކަމަށްވެސް ބުނެއެވެ.
މޫޑީސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަައް މުހިންމުކަމާއި، އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

