ފުވައްމުލައް ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެ އެއްކޮށް އަނދާ ހުލިވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގީ ފުވައްމުލައް ސިޓީ މިސްކިތްމަގު ޝިވާ ގޭގައެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 22:05 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 22:40 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގައި ކަމަށާއި، ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތައް ވަނީ ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި ކަމަށެވެ.

