ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭންގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ކުޅިވަރާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ އެމެރިކާގެ ދެ ކޮންސަލްޓަންޓުންގެ އެހީގައި ތައްޔާރުކުރަމުން އަންނަ ކުޅިވަރުގެ ދިގުރާސްތާ ޕްލޭންގައި މިހާރު ހުރި ކަންކަމަށް އަމަލުކުރަން ފެށުމުގެ ކުރިން ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި އެކަންކަމާ ގުޅޭ ގޮތުން މިދިޔަ ހަފުތާ ބަންދުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ސްޕޯޓްސް ކައުންސިލާއި، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ހެލްތު މިނިސްޓްރީ އާއި ތަޢުލީމީ ވުޒާރާގެ ފަރާތްތަކުން ބައިވެރިވިއެވެ.
މިނިސްޓްރީން ބުނީ މިވަގުތު މި ޕްލޭންގައި ހިމެނޭ މުހިންމު ކަންކަމަށް ބަލާއިރު، ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމާއި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކަންކަން ކުރުން ހިމެނޭ ކަމަށެވެ.
މި ބައްދަލުވުންތަކުގެ ފަހު ބައެއްގެ ގޮތުން ކުޅިވަރު ކޯޗުންނާއި، ކުރީގެ ކުޅުންތެރިންނާއި، މި ދާއިރާގެ ޓެކްނިކަލް ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށާއި، މައިގަނޑު ބޭނުމަކީ އެ ބޭފުޅުންގެ ތަޖުރިބާއާއި ޚިޔާލު ހޯދައި، މި ޕްލޭނަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާގެ އެންމެންގެ ޚިޔާލާ މަޝްވަރާއާއެކު ތައްޔާރުކުރެވޭ ޕްލޭނަކަށް ހެދުން ކަމަށް މިނިސްޓްރީން ބުންޏެވެ.

