ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގައި ރަށް ގިރުމުގެ މައްސަލަ ހައްލުނުވާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި، އެ ރަށު ކައުންސިލުގެ މިއަދުގެ ޖަލްސާ ގޮނޑުދޮށުގައި ފަށައިފިއެވެ.
މި ޖަލްސާގެ އެޖެންޑާގައި ވަނީ ރަށްގިރުމުގެ ނުރައްކާ ބޮޑުވެ ރަށުގެ އުތުރުކޮޅުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ނެތިދިއުމުގެ ބިރު އޮތުމުން މިކަމާމެދު މަޝްވަރާކުރަން ހިމަނައިފައެވެ.
އެ ސަރަހައްދު ގިރުމުގެ މައްސަލަ ބޮޑުވެ 2018 ވަނަ އަހަރުން ފެށިގެން ކައުންސިލުން އައީ އެކި ގޮތްގޮތުން ސަރުކާރާ މަޝްވަރާ ކުރަމުންނެވެ.
ރަށް ގިރުމުގެ މައްސަލަ ހައްލުނުވާތީ އެ ރަށު ކައުންސިލުން 2022 ވަނަ އަހަރު ވެސް ވަނީ ގޮނޑުދޮށުގައި ޖަލްސާ ބާއްވައި އޭރުގެ ސަރުކާރުގެ ސަމާލުކަން ގެނެސްފައެވެ. ނަމަވެސް މިއަދާ ހިސާބަށް އައިއިރު ވެސް އެކަމަށް ހައްލެއް ލިބިފައިނުވެއެވެ.

ރަށްގިރުމުގެ މައްސަލަ ހައްލުނުވާތީ މާމެންދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: މާމެންދޫ ކައުންސިލް
ކައުންސިލުން ކުރިން ބުނެފައިވާ ގޮތުން، ރަށުގެ އުތުރުކޮޅުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ނެތިދިއުމުގެ ބިރު އޮތްއިރު، އެ ސަރަހައްދުގެ ގެތަކުގެ ވަޅުފެން ވަނީ ލޮނުވެފައެވެ. އަދި ބައެއް ފަރާތްތަކަށް ސިއްހީ މައްސަލަތައް ދިމާވެ، ގޯތިތަކުގައި ހައްދާފައިހުރި މޭވާ ގަސްތަކާއި، އެހެނިހެން ގަސްގަހާގެހި މަރުވެފައި ވެސް އެބަހުރިއެވެ.
މީގެއިތުރުން އެ ސަރަހައްދު ގިރައިގެން ގޮސް ގިނަ އަދަދެއްގެ ރުށް ވެސް ވަނީ ނެތިގެން ގޮސްފައެވެ.

