ލ.އަތޮޅުގެ ރަށްތަކުގައި އުފައްދާފައިވާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް އަމާޒުކޮށްގެން ކޮމިއުނިޓީ ބޭސްޑްް ރީހެބިލިޓޭޝަން (ސީބީއާރު) އަދި ރީހެބިލިޓޭޝަން އެޕލިކޭޝަނެއް ކަމަށްވާ، ރިހެޕް އާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ބުނީ މި ތަމްރީނު ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރެވިފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ރަށު ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކަށް އަލި އަޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ރިހެޕް އާއި ގުޅުންހުރި މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވިފައިވާ ކަމަށް
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ބުންޏެވެ.

