ކޮމާޝަލް ދާއިރާގެ އެކި ކަންތައްތަކުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެންޖެހޭ 1.4 ބިލިޔަން ރުފިޔާ ނުލިބި އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް، ކޮމާޝަލް ދާއިރާއިން އެޗްޑީސީއަށް ލިބެން ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަޒުލް މި މަޢުލޫމާތު ހާމަކުރެއްވިއެވެ.
ފަޒުލް ވިދާޅުވި ގޮތުގައި، މި ފައިސާ ހޯދުމަށް ސީދާ އޭނާގެ ބެލުމުގެ ދަށުން ވަކި ރިކަވަރީ ކޮމިޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދެއެވެ. އަދި މިހާތަނަށް މި ކޮމިޓީގެ މަސައްކަތުން 226 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑު ފާހަގަކޮށްލަން 1.4 ބިލިއަންގެ ތެރޭގައި ލީސްގެ ގޮތުގައި މީގެކުރިން ރިކަވާ ނުކުރެވި، އަޅުގަނޑުމެންގެ ސަރުކާރު އައުމުގެ ކުރިން ރިކަވާ ނުކުރެވި ގާތްގަނޑަކަށް 699 މިލިޔަން އެބައުޅޭ. އަދި ޑިވެލޮޕްމަންޓް އެންޑް ސޭލްސް ވައިސްގެ ގޮތުގައި 720 މިލިއަން އެބަ އުޅޭ. އެހެންވީމާ މީގެތެރޭގައި ޖުމްލަ 1.4 ބިލިޔަނަށްއަރާ،” ފަޒުލް ވިދާޅުވިއެވެ.
އޭގެ އިތުރުން، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މިއަދާ ހަމައަށް ވެސް ނޯޓިސް ފޮނުވަމުންދާ ކަމަށާއި، ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީއަށް ފެންނަ އުސޫލުން ފައިސާ ދެއްކުމަށް އެފަރާތަށް ފަސޭހަވާނެ ގޮތަށް ކޯޓު މަރުހަލާގެ ބޭރުން ފުރުސަތުތަކެއް ދެމުންދާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. އަދި އެނޫން ފަރާތްތައް ކޯޓު މަރުހަލާއަށް ގެންދިއުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

