ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް މަރިޔަމް އިންޝާ ފައިސަލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފިއެވެ. މި ނިންމުން ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ، މިހާރު މާސްޓާސް ޑިގްރީ ހާސިލްކުރަމުންދާ މަރިޔަމް އިންޝާ ފައިސަލް ވަނީ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި އެންއައިސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މި ތަޖުރިބާއަކީ އެންއައިސީގެ މެންބަރުކަމަށް އޭނާ އެކަށީގެންވާ ކަމަށް ކޮމިޓީން ދެކޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.
އިންޝާގެ ނަން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެންއައިސީގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ނަން މަޖިލީހަށް ފެންނަ ގޮތަށް ފާސްކޮށްދިނުމަށް ސިޓީގައި އެދިވަޑައިގެންފައެވެ.
އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ނޮވެމްބަރު 13 އިން ފެށިގެން 20ގެ ނިޔަލަށެވެ. މި މުއްދަތުގައި ހުށަހެޅުނު ނަންތަކުގެ ތެރެއިން އިންޝާގެ ނަން ހޮވިފައިވަނީ އޭނާގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެންނެވެ.
2015 ވަނަ އަހަރު އުފެއްދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ކުރިން އޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށްފަހު އުފެއްދި މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މަޤްޞަދަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމެވެ.

