ހުޅުމާލެ މަސް މާރުކޭޓު މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލުމަށް ރާވާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ މާލޭ ސިޓީ ކައުންސިލުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، އެޗްޑީސީން މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލަނީ ހަމައެކަނި މުނިސިޕަލް ޚިދުމަތްތަކާ ގުޅޭ ކަންކަން ކަމަށެވެ. މިކަން ކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކުރެވި، އެޗްޑީސީގެ މުނިސިޕަލް ސަރވިސްތަކުގެ ޚިދުމަތްތައް ކައުންސިލާ ހަމައަށް ފޯރުކޮށްދިނުމަށް ގައިޑްލައިންތަކެއް ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލަށް ޓްރާންސްފަރވާ މުވައްޒަފުންގެ އަދަދާއި ދެވޭނެ ހުރިހާ ފުރުސަތުތަކެއް އެޗްޑީސީގެ ފަރާތުން ވާނީ ކައުންސިލާ ހިއްސާކޮށްފައި ކަމަށެވެ. އަދި ކޮމާޝަލް ބިންތައް ފިޔަވައި އާންމު ޚިދުމަތްތަކަށް ބޭނުންކުރާ ތަންތަނުގެ ތެރެއިން ހުޅުމާލެ މަސް މާރުކޭޓު މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ކޮމާޝަލް ބިންތައް މިވަގުތު ސިޓީ ކައުންސިލާ ހަވާލުކޮށްފިނަމަ އެޗްޑީސީ ހިންގުމަށް ދަތިވާނެ ކަމަށް ފަޒުލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، “އެޗްޑީސީއަށް ދަތިވާ ސަބަބަކީ، އޭގެން އާމްދަނީ ލިބިގެން އަދި އަޅުގަނޑުމެންގެ ކޮމާޝަލް އަދި ދެންހުރި ސަރވިސަސް ތަރުތީބުކޮށްފައި އޮތް އިރުގައި، މި އަޅުގަނޑުމެން އެބޭފުޅުންނާ ހަވާލުކުރާ ތަނަކުން ކޮމާޝަލް ލޭންޑްތަކަށް ދޭތެރެ މެދުގެ ހައްލެއް އާދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރީ. އެކަމަކު ކޮމާޝަލީ ބޭނުމަށް ބޭނުންކުރާ އެއްވެސް ލޭންޑެއް އަޅުގަނޑުމެން ދޫނުކޮށް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އެކަން އޮޕަރޭޓް ކުރެވި،” ކަމަށެވެ.
މި ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ހުޅުމާލެ ތަރައްޤީކޮށްފައި އޮތީ އެތައް ބައިވަރު ލޯނުތަކެއް ނަގައިގެން ކަމަށާއި ސޮވެރިން ގެރެންޓީދީފައި ހުރި އެތައް ބިންތަކެއް އެތަނުގައި އެބަހުރި ކަމަށެވެ. އަދި ކުއްލިއަކަށް ކައުންސިލަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތަކެއް ނެތި، އެޗްޑީސީގެ މުނިސިޕަލް ސަރވިސްތަކުގެ ޒިންމާ ސިޓީ ކައުންސިލުން ނަގަން ބޭނުން ނުވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ.

