ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ޢަމަލާއި ބަހުން ޝާމިލްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި މިއަދު ދެމިއޮތީ ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި އަބްޠާލުންގެ ސަބަބުން ކަމަށެވެ. އަދި ޒަމާން ބަދަލުވެ، ހަނގުރާމަ ކުރާ ގޮތްތައްވެސް މިއަދު ބަދަލުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، މިއަދު ފިކުރީ ނުވަތަ ހައިބްރިޑް ހަނގުރާމައެއް ކުރަމުންދާ ކަމަށާއި، އިންޓަނެޓުގެ ޒަރީއްޔާއިންވެސް ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމުގެ މަސައްކަތް ކުރެވޭކަން ފާހަގަކުރެއްވިއެވެ. މިއީ ސިޔާސީ ހަލަބޮލިކަން އިތުރުކޮށް، ސަޤާފީ ނުފޫޒުގެ ތެރެއިން ޤައުމިއްޔަތާއި އިޤްތިޞާދީ ތަޞައްވުރުތައް ތޮޅުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"މިއަދު ހައިބްރިޑް ހަނގުރާމައިން ދިފާޢުވުމަށް ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި. ސައިބަރ ރައްކާތެރިކުރުމުގެ ތަމްރީނުތައް ދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދޭން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
ޤައުމުގެ މަސްލަހަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކި ފަރާތްތަކާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް، ސުލްހަވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތުގައި ޒުވާނުންގެ މުހިންމު ދައުރެއް އޮތްކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ މިއަދުގެ ޒުވާން ޖީލަކީ ނަމޫނާ ޖީލަކަށްވުމަށް ގޮވާލައްވާފައެވެ. އަދި ދޮންބަންޑާރައިން ފަދަ އަބްޠާލުންނަށް މިއަދު ޝުކުރު އަދާކުރެވޭނީ ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ޝާމިލްވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޝުކުރު އޭގެ ހަޤީޤީ މާނައިގައި އަދުގެ ޒުވާނުން އަދާކުރިކަމުގައި އަޅުގަނޑު ދެކެނީ، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ވާން އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްތަކުގައި އަމަލާއި ބަހުން ޝާމިލްކޮށްގެން. ޤައުމީ ތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކޮށްގެން. ދުނިޔެ އަދު ކުރިމަތިލާފައިވާ ހައިބްރިޑް ހަނގުރާމައިގެ ހުނަރުތައް އަދުގެ ޒުވާނުން ދަސްކުރަން އަޅުގަނޑު ގޮވާލަން،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުން ކޮންމެ މީހަކުވެސް ދަސްކުރަން ޖެހޭކަމަށެވެ. އަދި މިކަމުގައި ޒުވާނުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ގޮވާލެއްވިއެވެ.

