އެތައް އަހަރުތަކެއް ވަންދެން ޓީބީ އެންމެ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލީގެ މަގާމުގައި އޮތުމަށްފަހު ސާރްސް ކޮވް-2 އައުމަށްފަަހު އެންމެ މަރުތައް ގިނަ ބައްޔަށް ވެގެން ދިޔައެވެ. 2020 ވަނަ އަހަރު، ކޮވިޑް-19 ޖެހި މުޅި ދުނިޔޭގައި 3.5 މިލިއަން މީހުން މަރުވިއެވެ. ނަަމަވެސް ޓީބީ ޖެހިގެން މަރުވީ 1.5 މިލިއަން މީހުންނެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ފާއިތުވި ހަފްތާގައި ޝާއިޢުކުރި 2024 ގްލޯބަލް ޓިއުބަރކިއުލޯސިސް ރިޕޯޓުގައި، 2023 ވަނަ އަހަރު ޓީބީ އިން 1.25 މިލިއަން މީހުން މަރުވެފައިވާއިރު، ކޮވިޑް-19 އިން 320،000 މީހުން މަރުވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު އޭގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު ޓީބީ ކޭސްތައް ސަތޭކަ ހާހުން އިތުރުވެފައިވެއެވެ.
2023 ވަނަ އަހަރު ޓީބީ އިން 1.25 މިލިއަން މީހުން މަރުވެފައިވަނީ 2022 ވަނަ އަހަރުގެ 1.32 މިލިއަނަށްވުރެ ދަށް އަދަދަކަށެވެ. އެ އަހަރު ކޮވިޑް-19 ގެ ފަހަތުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ބައްޔަކީ ޓީބީ އެވެ. ނަމަވެސް، މިއީ އަދިވެސް ހިތްހަމަ ޖެހޭ ވަރުގެ އަދަދެއް ނޫން ކަމަށް ޕަބްލިކް ހެލްތު ވެރިން ބުނެއެވެ.
"އަދިވެސް މިހާ ގިނަ މީހުން ޓީބީ ޖެހި މަރުވުމަކީ ގޯހެއް. ސަބަބަކީ މި ބަލި ހުއްޓުވުމަށާއި، ދެނެގަތުމަށާއި، އަދި ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި." އޮކްޓޯބަރު 29 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް ބުނެފައިވެއެވެ.

ޓީބީ ޖެހިފައިވާ މީހެއްގެ އެކްސްރޭ.
މި ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރު ގާތްގަނޑަކަށް 8.2 މިލިއަން މީހުންނަށް އަލަށް ޓީބީ ޖެހުނެވެ. މިއީ ޑަބްލިއުއެޗްއޯ އިން 1995 ވަނަ އަހަރު ދުނިޔޭގެ ޓީބީ މޮނިޓަރ ކުރަން ފެށީއްސުރެ އެންމެ ގިނަވި އަދަދެވެ. އަދި 2022 ވަނަ އަހަރު އަލަށް ޓީބީ ޖެހުނު 7.5 މިލިއަން މީހުންނާ އަޅާބަލާއިރު މި އަދަދު މިވަނީ އިތުރުވެފައެވެ.
ޓީބީ ދިރާސާކުރާ ފަރާތްތަކުން މި އިތުރުވުމުގެ ސަބަބުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދެއެވެ. ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ގްލޯބަލް ޓީބީ ބްރާންޗްގެ ވެރިޔާ އަނަންދް ޑޭޓް ބުނި ގޮތުގައި، ފާއިތުވި އަހަރު ކޭސްތައް އިތުރުވުމުގެ ސަބަބެއް ކަމަށް ލަފާކުރަނީ އާބާދީ އިތުރުވުމެވެ.
"ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ޓީބީ ޕްރޮގްރާމްތަކަށް ދިމާވި ހުރަސްތަކުގެ ސަބަބުން ގިނަ މީހުންނަށް ޓީބީ ހުރިކަން ދެނެގަނެވުމާއި ފަރުވާ ދިނުން ލަސްވެގެން ދިޔައީ. އަދި ގޭގައި މަޑުކުރުމަށް ދެވުނު އިރުޝާދުތަކުގެ ސަބަބުން ޓީބީ ފެތުރުން މަދުވެގެން ގޮސްފައިވާ ކަމަށް ލަފާކުރެވެނީ." ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ގައި ޓީބީ ޕްރޮގްރާމްތައް ހިންގާ ޔޯގަން ޕިލޭ ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން ޓީބީ ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ވަނީ ފަހަތަށް ޖެހިފައެވެ. ސްޓޮޕް ޓީބީ ޕާޓްނަރޝިޕްގެ އެގްޒެކެޓިވް ޑިރެކްޓަރ ލުސިކާ ޑިޓިއު ބުނެފައިވާ ގޮތުގައި، މިބަލީގެ ރިސާޗާއި ފަރުވާގެ އިތުރުން ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފައިސާ މަދުވެއެވެ. އަދި ޓީބީ އިން އެންމެ އާންމުކޮށް އަސަރުކުރާ ފަރާތްތައް ކަމުގައިވާ ފަގީރުންނާއި ބިދޭސީންނަށް ފަރުވާ ދިނުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.
މީގެ އިތުރުން، ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމާއި، ހަކުރު ބަލީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ ކަންކަމުގެ ސަބަބުން ޓީބީ އިތުރުވެ، ބޭސްތަކުގެ ފުރިހަމަ އަސަރު ކުރުމަށް ހުރަސްއެޅެއެވެ.
ފައިސާއަކީ ޓީބީ ނައްތާލުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. ޑަބްލިއުއެޗްއޯގެ ތަރުޖަމާނެއް ބުނާ ގޮތުގައި 2023 ވަނަ އަހަރު އދ. ގެ ބައްދަލުވުމުގައި ކަނޑައެޅުނު ޓީބީ އާ ގުޅޭ ދުނިޔޭގެ ފަންޑިންގ ލަނޑުދަނޑިތަކާއި އަޅާބަލާއިރު، ޓީބީ ރިސާޗްއަށާއި ޓީބީ ދެނެގަނެ، ކޮންޓްރޯލްކޮށް އަދި ފަރުވާ ދިނުމުގެ ޚިދުމަތްތަކަށް ބޮޑެތި ފައިސާގެ ދަތިތަކެއް ކުރިމަތިވެއެވެ. މި ކަން ފޫބެއްދުމަށް، ޓީބީ އިން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ ހިލޭ އެހީ ދޭ ފަރާތްތަކުން އިތުރު އެހީ ބޭނުންވެއެވެ.

ޓީބީ ބަލި ދެނެގަތުމަށް އެކި ގައުމުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމްތައް.
ޓީބީ ހުއްޓުވުމާއި ފަރުވާ ދިނުމަށް ދުނިޔޭގެ ފަންޑިންގ 2023 ވަނަ އަހަރު ވޭތުވެދިޔަ ތިން އަހަރުގެ 6 ބިލިއަން ޑޮލަރުން 5.7 ބިލިއަން ޑޮލަރަށް ދަށްވެފައިވެއެވެ. އަދި އަހަރަކު 22 ބިލިއަން ޑޮލަރުގެ ލަނޑުދަނޑިއާ އަޅާބަލާއިރު މިއީ މާ ދަށް އަދަދެކެވެ.
ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އަވަހަށް ބަލި ދެނެގަންނާނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން ފަރުވާ އަވަހަށް ފެށިދާނެއެވެ. އަދި މީހުން ކްލިނިކް ތަކަށް ދިޔުމަށް ދުރަށް ދަތުރުކުރިމާއި ނަތީޖާއަށް އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަން ނުޖެހޭނެއެވެ.
ފަންޑިންގ އިތުރުވުމުން އާއިލާތަކަށް ގެއްލޭ ކާބޯތަކެއްޗާއި ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކުގެ ޚަރަދު ހަމަޖައްސައިދެވޭނެއެވެ. މި ޚަރަދުތަކުގެ ސަބަބުން ބައެއް ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުން ފަރުވާ ހޯދުމަށް ނުދެއެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓާއި އެހެނިހެން ތަޙުޤީޤުތަކުން އެނގޭ ގޮތުގައި ޓީބީ ބަލި ފެތުރެމުންދާ ޤައުމުތަކުން ވެސް ޓީބީ ދެނެގަތުމަށާއި ފަރުވާއަށް އިތުރު ފައިސާ ޚަރަދުކުރަން ޖެހެއެވެ. މިސާލަކަށް، އެމްއެސްއެފް ނުވަތަ ޑޮކްޓަރސް ވިތައުޓް ބޯޑަރސް އިން އޮކްޓޯބަރު މަހު ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 14 ޤައުމުގެ ތެރެއިން ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކުޑަކުދިންގެ ކިބައިގައި ޓީބީގެ އަލާމާތްތައް ހުރިނަމަ، ބެކްޓީރިއޮލޮޖިކަލް ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވިޔަސް، ޓީބީގެ ފަރުވާ ފެށުމަށް އެމީހުންގެ ގައިޑްލައިންތައް ބަދަލުކޮށްފައިވަނީ ހަމައެކަނި 5 ޤައުމުންނެވެ. އދ. ގެ ބައްދަލުވުމުގައި ކަނޑައެޅުނު ލަނޑުދަނޑިއަކީ 2027 ވަނަ އަހަރާ ހަމައަށް އަހަރަކު 5 ބިލިއަން ޑޮލަރު އިތުރުކުރުމެވެ.
ޕިލޭ ބުނެފައިވާ ގޮތުގައި ޓީބީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގައި ގިނަ ކެންޑިޑޭޓުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކެންޑިޑޭޓެއްގެ ފަހު މަރުޙަލާ (މަރުޙަލާ 3) ކްލިނިކަލް ޓްރަޔަލް ސްޕޮންސަރ ކުރަނީ ގޭޓްސް މެޑިކަލް ރިސާޗް އިންސްޓިޓިއުޓުންނެވެ. މި ޓްރަޔަލްގައި ބައިވެރިން ހޮވަން ފެށީ މިއަހަރު މާރިޗު މަހުއެވެ. އަދި މީގެ ނަތީޖާ ރަނގަޅުވެއްޖެނަމަ، މިއީ 100 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނެރޭ އައު ޓީބީ ވެކްސިނަށް ވާނެއެވެ. މިހާރު ލިބެންހުރި ހަމައެކަނި ޓީބީ ވެކްސިންގެ އަސަރު ބޮޑެތި މީހުންނަށް ނުކުރެއެވެ. އަދި އޭގެ ސަބަބުން ޓީބީ ޓެސްޓުތަކުން ދޮގު ނަތީޖާ ނުކުމެދާނެއެވެ.
ނަމަވެސް، ރަނގަޅު ވެކްސިނެއް ލިބުނު ކަމުގައި ވިޔަސް، ޓީބީގެ އަސަރުކުރާ ޤައުމުތަކަށް އެ ވެކްސިން ގަތުމަށް ފައިސާ ނެތްނަމަ އެއިން މާބޮޑު ފައިދާއެއް ނުކުރާނެއެވެ. ވޮޝިންގޓަން ޑީ.ސީ ގައި ހުންނަ ސެންޓަރ ފޮރ ގްލޯބަލް ޑިވެލޮޕްމަންޓްގެ ގްލޯބަލް ހެލްތު ޕޮލިސީ ޕްރޮގްރާމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖަނީން މަދަން ކެލަރ ބުނެފައިވާ ގޮތުގައި، ގަވީ ދަ ވެކްސިން އެލަޔަންސް އިން އެކި ބާވަތުގެ ވެކްސިންތަކަށް އަފްޣާނިސްތާން، ބުރުންޑީ އަދި ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކް ފަދަ ފަގީރު ޤައުމުތަކުގައި ފައިސާގެ އެހީ ލިބުނުކަމުގައި ވިޔަސް، އިންޑޮނޭޝިއާ ފަދަ ޓީބީ ގިނަ މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް މިހާރު އެހީ ނުލިބެއެވެ. ޓީބީ ވެކްސިނެއް ފާސްކުރުމުގެ ކުރިން، ކެލަރ ބުނާ ގޮތުގައި، އެހީ ލިބޭނެ ރަނގަޅު ގޮތެއް ހޯދަން ޖެހެއެވެ.

