މިއަހަރުގެ ރޯޔަލް ސޮސައިޓީ ޕަބްލިޝިންގ ފޮޓޯގްރަފީ މުބާރާތުގައި އެންމެ މޮޅު ފޮޓޯއަކަށް ހޮވިފައިވަނީ ރާއްޖޭގެ ފަޅުތަކުގައި ދިރިއުޅޭ މިޔަރުތައް ކުދި މަސްތައް ހިފަން އުޅޭ މަންޒަރު ދައްކުވައިދޭ ހިތްގައިމު ފޮޓޯއެކެވެ.
ރޯޔަލް ސޮސައިޓީގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފޮޓޯ ނަގާފައިވަނީ ޖަރުމަނުވިލާތުގެ މެކްސް ޕްލޭންކް އިންސްޓިޓިއުޓް އޮފް އެނިމަލް ބިހޭވިއަރގެ ޕޯސްޓްޑޮކްޓޯރަލް ރިސާރޗަރެއް ކަމުގައިވާ އެންޖެލާ އަލްބީއެވެ. އަދި މި ފޮޓޯ ނެގުމުގައި ޑްރޯން ޕައިލެޓް އޯގަސްޓް ޕައުލާގެ އެހީތެރިކަން ލިބިފައިވެއެވެ. މި ފޮޓޯގައި ވަނީ ސިލްވަރސައިޑް މަސް އައިނަކާއި ހަތަރު ކުޑަ މިޔަރެވެ.
"އިރުއަރާ ވަގުތާއި އިރުއޮއްސޭ ވަގުތުގައި ރާއްޖޭގެ ފަޅުތައް ހީވަނީ ސާފު ބިއްލޫރިގަނޑެއް ހެން." އަލްބީ ބުނެފައިވެއެވެ.
" އަދި މިއީ މިޔަރުތައް ކުދި މަސްތައް ޝިކާރަ ކުރަން ނިކުންނަ ވަގުތު."
މިއަހަރުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ ހިއު ޓަރވީ ބުނެފައިވާ ގޮތުގައި،
"ފޮޓޯގްރާފަރުގެ މި ނަޒަރުން، ޤުދުރަތުގެ އަސްލު ރީތިކަން ފެނިގެންދޭ. މިޔަރުތަކުން ސަލާމަތްވުމަށް މަސް އައިނު ހަރަކާތްތެރިވާ ފުރިހަމަ ގޮތާއި ބައިބައިވެގެން ދާގޮތް ފެނިގެންދޭ."
މި މުބާރާތުގައި ހިމެނެނީ ފަސް ކެޓަގަރީއެކެވެ. އެސްޓްރޮނޮމީ، ބިހޭވިއަރ، އާރތު ސައިންސް އެންޑް ކްލައިމެޓޮލޮޖީ، އިކޮލޮޖީ އެންޑް އެންވަޔަރަންމެންޓަލް ސައިމެންޓަލް ސައިންސް، އަދި މައިކްރޯއިމޭޖިންގއެވެ. އަލްބީގެ ފޮޓޯ ވަނީ ބިހޭވިއަރ ކެޓަގަރީގެ އެންމެ މޮޅު އަދި މުޅި މުބާރާތުގެ އެންމެ ރީތި ފޮޓޯގެ ގޮތުގައި ހޮވިފައެވެ.
އެސްޓްރޮނޮމީ ކެޓަގަރީ ކާމިޔާބު ކުރީ ފޮޓޯގްރާފަރ އިމްރާން ސުލްޠާން ނަގާފައިވާ ކެސިއޯޕިއާ ކޮންސްޓެކޭޝަންގެ 7،000 ލައިޓްއިއަސް ދުރުގައިވާ ދެ ނެބިއުލާގެ ތަފްސީލީ މަންޒަރެވެ.

އެސްޓްރޮނޮމީ ބައިގެ އެންމެ މޮޅު ފޮޓޯ "ހާރޓް އެންޑް ސޯލް" .– ފޮޓޯ: އިމްރާން ސުލްތާން
އާރތު ސައިންސް އެންޑް ކްލައިމެޓޮލޮޖީ ކެޓަގަރީގައި އެންމެ މޮޅު ފޮޓޯއަކަށް ހޮވިފައިވަނީ ގްރީންލޭންޑްގެ ސުޕްރާގްލޭޝިއަލް ވިރެމުންދާ ކޯރެއްގެ ފޮޓޯއެކެވެ. ފޮޓޯގްރާފަރ ޑޭވިޑް ގާސިއާ މި ފޮޓޯ ނަގާފައިވަނީ ގްރީންލޭންޑްގެ ހުޅަނގު ސަރަޙައްދުގެ ކޯސްޓަލް ރަށަކަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައި ކުޑަދޮރުން އައިފޯނެއް ބޭނުން ކޮށްގެންނެވެ.

އާރތް ސައިންސް އެންޑް ކްލައިމެޓޮލޮޖީ ބައިގެ އެންމެ މޮޅު ފޮޓޯއަކަށް "އައިސް ކެޕް މެލް ލޭކް އިން " ގްރީންލޭންޑް .– ފޮޓޯ: ޑޭވިޑް ގާސިއާ
"ޓަޔަރޑް އައިސް" މި ނަމުގައިވާ ފޮޓޯއެއް މައިކްރޯއިމޭޖިންގ ކެޓަގަރީން އެއް ވަނަ ހޯދާފައިވެއެވެ. މި ފޮޓޯގައި ވަނީ ބާކް ސްކޯޕިއަނެއްގެ ލޯތަކުގެ ވަރަށް ކައިރިން ނަގާފައިވާ މަންޒަރެކެވެ. ފޮޓޯގްރާފަރ ޖޯސޭ މެނުއެލް މާޓީނެޒް ލޯޕެޒް މި އަސަރު ގެނައުމަށްޓަކައި މި ފޮޓޯގެ ކުރިން 110 ފޮޓޯ ނަގާފައިވެއެވެ.

މައިކްރޯއިމޭޖިންގ ބައިގެ އެންމެ މޮޅު ފޮޓޯ "ޓަޔަރޑް އައިސް" .– ފޮޓޯ: ހޯސޭ މެނުއަލް މާޓިނޭޒް ލޮޕޭޒް
އަދި އިކޮލޮޖީ އެންޑް އެންވަޔަރަންމެންޓަލް ސައިންސް ކެޓަގަރީގައި ކާމިޔާބުކޮށްފައިވަނީ ޕީޓަރ ހަޑްސަންއެވެ. އޭނާގެ ފޮޓޯގައި ވަނީ ސެކްރެޓަރީ ދޫންޏެއް ސޫއްޕެއް ކެއުމަށް ތައްޔާރުވަމުންދާ މަންޒަރެވެ.

އިކޮލޮޖީ އެންޑް އެންވަޔަރަމެންޓް ސައިންސް ބައިގެ އެންމެ މޮޅު ފޮޓޯއަކަށް "ސެކްރެޓަރީ ބާރޑް ގަލެޓް" .– ފޮޓޯ: ޕީޓަރ ހަޑްސަން

