ދެކުނުގެ އަތޮޅެއްގެ ރަށެއްގެ ސްކޫލުގެ ޓީޗަރަކު، ދަރިވަރުންތަކެއް ގްރޫމްކޮށްގެން، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރުގެ 17 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން 29 އަހަރުގެ ދިވެހި ފިރިހެނަކު އޮކްޓޫބަރު 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގެ ތަހުގީގު ނިންމައި ނޮވެމްބަރު 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

