އާޓިކަލް: މުޙައްމަދު ޝިޔާމް، ގއ ގެމަނަފުށި
ގއ. ނިލަންދޫގައި ބާއްވަމުންދާ ރާވެރިޔާ ވޮލީ މުބާރާތް 2024 ގެ ފައިނަލުގައި ނިލަންދޫ ބޮންބޮން ސްޕޯރޓްސްއާ މިއަދު ހަވީރު ފައިނަލުގައި ގެމަނަފުށީ އަންހެނުންގެ ޓީމް ވާދަކުރާ އިރު އެ ޓީމާއި، އެ ރަށުގެ ރައްޔިތުންގެ އުންމީދަކީ ވެސް 6 ވަނަ ތައްޓެއް ގެމަނަފުށްޓަށް ގެނައުމެވެ.
މިހާތަނަށް ގެމަނަފުށްޓަށް އަންހެން ވޮލީގެ ޗެމްޕިއަންކަން 5 ފަހަރު ލިބިފައިވާއިރު، 2 ފަހަރު ރަނަރަޕްގެ މަޤާމް ލިބިފައިވެއެވެ.
ގެމަނަފުށީ އަންހެން ވޮލީ ޓީމްގެ ކެޕްޓަން ޚަދީޖާ އިބްރާހިމް ވިދާޅުވީ، ރާވެރިޔާ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ލިބުމަށްފަހު، 2023 ވަނަ އަހަރުގެ ފައިނަލުން ބަލިވުމުން ހިތްވަރާ އެކު މަސައްކަތް ކުރަމުން މިދަނީ އަނެއްކާ ވެސް ގެމަނަފުށްޓަށް ތަށި ގެނައުން ކަމަށާއި، އިރާދާކުރެއްވިއްޔާ އެކަން ޙާޞިލް ކުރެވޭނެ ކަމަށެވެ.
ނިލަންދޫ ވޮލީ ޓީމަކީ، ވަރަށް ހަލުވި މޮޅު ޓީމެއް ކަމަށާއި، އެ ޓީމް ގްރޫޕް ސްޓޭޖް ގައި ގެމަނަފުށި އަތުން ބަލި ވިޔަސް މެޗް ފަސޭހަކޮށް ނުނަގާނެ ކަމަށާއި، އެ ޓީމަށް އިޙްތިރާމް ކުރާ ކަމަށާއި، އުންމީދަކީ، ގެމަނަފުށީގެ ތަށި ހަރުގަނޑަށް އިތުރު ތަށްޓެއް ގެނައުން ކަމަށް ޓީމްގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ ރަމްލާ އަބޫބަކުރު ރަމޫ ވިދާޅުވިއެވެ. ގެމަނަފުށީ ޓީމްގެ ކޯޗް ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަލީ އަކުބަރުގެ އުންމީދަކީ ވެސް މި ދިޔަ އަހަރު ގެއްލުނު ތަށި އަލުން ގެމަނަފުށްޓަށް ގެނައުމެވެ.
ގެމަނަފުށީ އަންހެން ވޮލީ ޓީމް މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 2005 ގައި ބޭއްވި އަތޮޅު ވޮލީ ލީގުގެ ރަނަރަޕްކަމާއި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވުނު އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަމާއި، ރާވެރިޔާ ވޮލީ މުބާރާތުގެ 2022 ގެ ޗެމްޕިއަންކަމާއި، ރާވެރިޔާ ވޮލީ މުބާރާތުގެ 2023 ގެ ރަނަރަޕްކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން 2012 ވަނަ އަހަރުގެ ޤައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ބަލިކޮށް ގެމަނަފުށީ އަންހެންޓީމް ވަނީ ހޯދާފައެވެ.

