ހާއްސަ އެހީއަށް ބޭނުންވާ އަލީފު ކިޔާ ކުއްޖެއްގެ ވީލްޗެއާ ގެއްލިގެން އާއިލާއިން އެ ގޮނޑި ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އަލީފުގެ އާއިލާއިން މީސްމީޑިއާގައި ވަނީ މިކަމަށް އެދި ޕޯސްޓެއް ކޮށްފައެވެ.
އާއިލާއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އަލީފުގެ ފުރޮޅުލީ ގޮނޑި ގެއްލިފައިވަނީ އިއްޔެ (4 ޑިސެމްބަރު 2024) މެންދުރުފަހު 2:45 ހާއިރު، އެމީހުން ދިރިއުޅޭ ގޭގެ ސިޑިކައިރީގައި ބަހައްޓާފައި ހުއްޓައެވެ. އެއީ މާފަންނު އެލްސިއޯން ބޭކަރީ ކައިރި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ކަން ހިއްސާކުރުމަށް އެ އާއިލާއިން ވަނީ “އެމްވީ ލޮސްޓް އެންޑް ފައުންޑް” ޕޭޖްގައިވެސް ޕޯސްޓެއް ކޮށްފައެވެ. އަދި މި ޕޯސްޓް ވީހާވެސް ގިނަ ބަޔަކު ޝެއަރ ކޮށްދިނުމަށް އެދިފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ސްކޫލް ކުއްޖެއްގެ ދަބަސް ވަގަށް ނެގި މައްސަލައެއް ވެސް މީސްމީޑިއާގައި ހިއްސާކުރެވިފައިވެއެވެ. މިފަދަ މައްސަލަތައް ގިނަވަމުން ދިއުމާ ގުޅިގެން، ފުލުހުންވެސް ވަނީ ވައްކަންކުރާ ފަރާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރަން ފަށާފައިވުމާއެކު ވެސް މިފަދަ ކަންކަމަށް ވަކި ހުއްޓުމެއް އަންނަކަމަކަށް ފާހަގަ ނުކުރެވެއެވެ. އަމުދުން ހާއްސައެހީއަށް ބޭނުންވާ ކުއްޖެއްގެ ނުހަނު މުހިންމު ބައެއް ކަމަށްވާ ފުރޮޅުލީ ގޮނޑި ވަގަށް ނެގުމަކީ، ކޮންމެ މީހަކު ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް ކަނޑަައެޅިގެން ބޮޑު ކުށެކެވެ. މައުސޫމު ކުއްޖަކަށް އަދި އެކުއްޖާގެ އާއިލާމީހުންނަށްވެސް ޖެއްސި ވަރަށް ބޮޑު ތަކުލީފެކެވެ. ދިން އަނިޔާއެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާގެ ވީލްޗެއާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ ޕޭޖަށް މެސެޖު ކޮށްދިނުމަށްވެސް އޭގައި އެދިފައިވެއެވެ.
ޕޭޖުން އެކުއްޖާގެ އާއިލާއާ ގުޅޭނެ ގޮތެއް ވޭތޯ، ގުޅޭނެ ނަމްބަރެއް ލިބޭތޯ ސުވާލު ކުރިނަމަވެސް ވަކި ޖަވާބެއް ނުލިބުނެވެ.

