ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ވަން ލިޝިން ވިދާޅުވެފައި ވަނީ ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ވަދާޢީ މެސެޖުގައެވެ.
ސަފީރު ވަން ލިޝިން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި 2022 ވަނަ އަހަރަކީ ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރުނު އަހަރެވެ. އަދި މި 50 އަހަރުގެ ތެރޭގައި ސައިޒުގެ ގޮތުން ތަފާތު ދެ ގައުމަކަށްވެސް ހަރުދަނާ އަދި ހަމަހަމަ ގުޅުމެއް ބޭއްވިދާނެކަން ސާބިތުވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް 10 އަހަރު ފުރޭ އަހަރުކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އެ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބްރިޖުގެ މަސައްކަތާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށިފައިވާކަންވެސް އެކަމަނާ ހާމަކުރެއްވިއެވެ.
ސަފީރު ވަން ލިޝިން އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އައު ހަރުފަތަކަށް ގޮސްފައިވެއެވެ. މި ދަތުރުފުޅާ ގުޅިގެން ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށްދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސަފީރުގެ މެސެޖު ނިންމަވާލެއްވީ ދެ ގައުމުގެ ވެރިންގެ އިރުޝާދާއެކު މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއިން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

