ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާދަމާ (ހުކުރު ދުވަހު) ކުޑަކުދިންނަށް ހާއްސަ ކޮށްގެން މަޖާ ކުޅިވަރުތަކާއެކު ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ހަވީރަކީ ވޭތުވެދިޔަ 6 މަސްދުވަހު ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގައި ބުރަކޮށް މަސައްކަތްކުރި މުވައްޒަފުންގެ ހިތްވަރާއި ޖޯޝް އަދި މަސައްކަތުގެ ނަމޫނާ އަހުލާގު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވީރެކެވެ. އަދި މީގެ އިތުރުން މި ހަވީރަކީ އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމުގެ ފުރުސަތެއްވެސް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެންބަރު 2024 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 21:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ސްޓެލްކޯގެ މުވައްޒަފުންގެ ކުޑަކުދިންނަށް އެކަންޏެއް ނޫނެވެ. އެހެން ހުރިހާ ކުޑަކުދިންނަށްވެސް މި ހަވީރުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންކަމުން، ސްޓެލްކޯއިން ވަނީ ހުރިހާ ފަރާތްތަކަށްވެސް މި ހަވީރުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

