ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ދިވެހިރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުޙަލާއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ލީޑަރޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައިވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ، އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު “އަ ވިޝަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް،” ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައްވެސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި މި ވަދާޢީ ޒިޔާރަތް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަމުގައި ހާމަކުރައްވާފައެވެ.

