ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރާވެރިޔާ ވޮލީ މުބާރާތް 2024 ގެ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށް ދިޔަ ފައިނަލް މެޗުގައި އެއްކޮޅުން ވާދަކުރީ ބޮންބޮން ސްޕޯޓްސް ކުލަބެވެ. މި މެޗް 3/1 ސެޓުން ކާމިޔާބު ކުރީ ގެމަނަފުށީ އަންހެން ވޮލީބޯލް ކުލަބެވެ.
ގިނަ ސްޕޯޓަރުންގެ ތަރުހީބާއި އެކު ކުޅުނު މި މެޗްގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރި ކުޅުމަކާއިއެކު ކާމިޔާބު ކުރީ ބޮންބޮން ސްޕޯޓްސް ކުލަބެވެ. އަދި ދެވަނަ ސެޓުން ފެށިގެން ގެމަނަފުށީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ދެވަނަ ސެޓު ކާމިޔާބު ކުރިއެވެ. ތިންވަނަ ސެޓުވެސް ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރިއެވެ. ނަތީއްޖާ ނެރުމަށް ކުޅުނު ހަތަރު ވަނަ ސެޓު ބޮޑު ބައި ލީޑް ކުރަމުން ދިޔައީ ގެމަނަފުށި ޓީމުންނެވެ.
ގެމަނަފުށީ ވޮލީބޯޅް ކުލަބުން މި މުބާރާތް ކާމިޔާބު ކުރުމުން އެޓީމް ވެގެން ގޮސްފައިވަނީ ގއ އަތޮޅުގެ އަންހެން އެންމެ ކާމިޔާބު ޓީމުގެ ގޮތުގައެވެ. މި މުބާރާތުގައި މި ޓީމް ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ.
ގެމަނަފުށީ އަންހެން ވޮލީ ޓީމް މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 2005 ގައި ބޭއްވި އަތޮޅު ވޮލީ ލީގުގެ ރަނަރަޕްކަމާއި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވުނު އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަމާއި، ރާވެރިޔާ ވޮލީ މުބާރާތުގެ 2022 ގެ ޗެމްޕިއަންކަމާއި، ރާވެރިޔާ ވޮލީ މުބާރާތުގެ 2023 ގެ ރަނަރަޕްކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން 2012 ވަނަ އަހަރުގެ ޤައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ބަލިކޮށް ގެމަނަފުށީ އަންހެންޓީމް ވަނީ ހޯދާފައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

