ހިދުމަތް ޖަމިއްޔާ އަދި އުކުޅަސްހޯޕްގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ބިނާ ޕްރޮޖެކްޓް" ގެ ދަށުން ހދ. ކުރިނބީގެ ލޯފަން ރައްޔިތެއް ކަމުގައިވާ އަލީ ޝަމީމަށް އައު ގެއެއް އަޅައިދީ ހަވާލުކޮށްފިއެވެ.
މި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ހދ. ކުރިނބީގައި ބޭއްވުނު ކުޑަ އެހެނަސް ވަރަށްވެސް ހާއްސަ ހަފުލާއެއްގައި މި ގެ އަލީ ޝަމީމަށް ހަވާލުކޮށްދެއްވީ ހިދުމަތް ޖަމިއްޔާގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު އަދި ރާއްޖޭގެ ވޮލީގެ ލެޖެންޑް މުޙައްމަދު ސާޖިދު އާއި އުކުޅަސްހޯޕްގެ މެންބަރު އަދި ބިނާ ޕްރޮޖެކްޓްގެ މެނޭޖަރު މުޙައްމަދު މުބާރިކްއެވެ.

ޝަމީމުގެ އައު ގޭގެ ބޮޑުކޮޓަރިތެރެ / ފޮޓޯ:ހިދުމަތްޖަމިއްޔާ
މި ޕްރޮޖެކްޓަކީ އަލީ ޝަމީމުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށްފަހު، 2024 ވަނަ އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ފޭސްބުކް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ އެހީތެރިކަމަށް އެދި ހުޅުވާލެވުނު ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.
މި ގޭގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ސްޓޯރޭޖް އަދި ކުޑަ ލޯންޑްރީ ކޮޓަރިއެއް ހިމެނެއެވެ. މި ޕްރޮޖެކްޓް ނިންމާލެވުނީ ޖުމްލަ 723,939.86 ރުފިޔާ ހަރަދު ކޮށްގެންނެވެ. ހިދުމަތް ޖަމިއްޔާއިން މި ގެ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ސޯޝަލް ހައުސިންގ މިންގަނޑުގެ މެދުމިނުގެ ފެންވަރުގައެވެ.

ޝަމީމު ގޭގެ ބޮޑުކޮޓަރީ ގޮނޑިއެއްގައި / ފޮޓޯ:ހިދުމަތްޖަމިއްޔާ
ޕްރޮޖެކްޓް ނިމުމާއެކު، އެކި ފަރާތްތަކުން ވަނީ ފަރުނީޗަރު ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި ދަމާސް ކުންފުނިން ދެ ކޮޓަރިއަށް ހަދިޔާކުރި ބެޑްރޫމް ސެޓް ފާހަގަ ކޮށްލެވެއެވެ.
މި ހަފްލާގައި ބައިވެރިވި އައްޑޫ ސިޓީން ދަތުރުކުރި ލޯފަން ބައިވެރިއެއް ކަމަށްވާ އަބްދުﷲ ޒިޔާއު ވިދާޅުވީ، "ހަގީގަތުގައި ވެސް މި ސަދަގާތަކީ ވަރަށް ބޮޑު ހެޔޮ އަމަލެއް. އަލީ ޝަމީމަކީ ލޯފަން ފަރާތެއް އަދި ވަރަށް ކުޑަ ކޮޓަރިއެއްގައި 3 ކުދިން ގޮވައިގެން ވަރަށް ދަތި ހާލުގައި އުޅެމުން ދިޔަ ހިތްވަރުގަދަ ބައްޕައެއް. މީ މުޅި ލޯފަން އާއިލާއަށް ލިބުނު އުފަލެއް،" ކަމަށެވެ.
ބިނާ ޕްރޮޖެކްޓަކީ ކޮންމެ އަހަރަކު އެއް ޕްރޮޖެކްޓް ހިންގާ ގޮތަށް ފެށުނު ޖަމިއްޔާގެ ދެވަނަ ޕްރޮޖެކްޓެވެ. އަދި އަންނަ އަހަރުވެސް މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަމަށް ޖަމިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލެވުނީ ދިވެހި ރައްޔިތުންގެ ދަރުމަވެރި އެހީތެރިކަމާއެކު ކަމަށް ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، އެކި މިންވަރަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޖަމިއްޔާއިން ވަނީ އިޚްލާޞްތެރި ޝުކުރު ދަންނަވާފައެވެ.

މުހައްމަދު ރަޝީދު / / ފޮޓޯ:ހިދުމަތްޖަމިއްޔާ
މި ހަފްލާގައި ބައިވެރިވި، ހިނގާ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ލޯފަން ފަރާތެއް ކަމަށްވާ މުހައްމަދު ރަޝީދު ބުނީ މިއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަހެއް ކަމަށެވެ. އަދި އަލީ ޝަމީމަށް ގޭގެ ތަޅުދަނޑި ހަވާލުކުރި ވަގުތު އުފަލުން ރޮވުނު ކަމަށް އޭނާ ހާމަކުރިއެވެ.
(ބިނާ ޕްރޮޖެކްޓަކީ އަލީ ޝަމީމު ފަދަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށް ފާހަގަކުރެވެއެވެ. މިފަދަ މަޝްރޫއުތަކަކީ މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މަގުފަހި ވެގެންދާފަދަ ދަރުމަ ހުރި ކަންކަމެވެ. ﷲތައާލާ މިކަމުގައި އިސްނަގައި ހަރަކާތްތެރިވި ފަރާތްތަކަށާއި އަދި އެހީތެރިވި ފަރާތްތަކަށް ރަހުމަތްލައްވައި އެބައިމީހުންގެ ރިޒުގުގައި ބަރަކާތްލައްވައި ތަނަވަސްކަމާއި ފާގަތިކަން އިތުރުކުރައްވާށި! އާމީން! =ހުވަދޫމީޑިއާ=)

