ގއ ނިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި " ރާވެރިޔާ ވޮލީ މުބާރާތް 2024 " ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓޮޕް ބްރަދާސްއިން ހޯދައިފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗް ޓޮޕް ބްރަދާސްއިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. އަދި މިއީ މި މުބާރާތުގެ ތަށި މިލްކު ކުރުމަށް ނިކުތް ބޮންބޮން ސްޕޯޓްސް ކުލަބުގެ މައްޗަސް ހޯދި ތާރީހީ ކާމިޔާބީއެކެވެ.
މި މެޗަށް ނިކުތުމުގެ ކުރިން، މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ޓޮޕް ބްރަދާސްއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ބޮންބޮން ސްޕޯޓްސް ކުލަބު މި މުބާރާތުގައި ބަލިވެފައިވަނީ ހަމައެކަނި ޓޮޕް ބްރަދާސް އަތުންނެވެ. މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ޓޮޕް ބްރަދާސް އައީ މޮޅަށް ކުޅެމުންނެވެ. ފުރަތަމަ ސެޓު ފަސޭހަ ކަމާއިއެކު 25/12 އިން ކާމިޔާބުކޮށް ދެވަނަ ސެޓުވެސް 25/20 އިން ކާމިޔާބު ކުރިއެވެ. އަދި 3 ވަނަ ސެޓު 25/21 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

