ގައިން ނުބައި ވަސް ދުވުމަކީ ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަން ހުއްޓުވުމަށް ސާފުތާހިރުކަން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ބޭނުންކުރެވޭ ކާނާވެސް މިކަމަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. ބައެއް ކާނާއިން ހަށިގަނޑުގައި ހުންނަ ވިހަ ބޭރު ކޮށް، ނުބައި ވަސް އުފައްދާ މާއްދާތައް ނައްތާލައި، ގައިގައި މީރުވަސް ދުވުމަށް އެހީތެރިވެދެއެވެ. ތިރީގައި މިވަނީ ގައިގެ ވަސް ރަނގަޅުކޮށްދިނުމަށް އެހީވެދޭ ބައެއް ކާނާއެވެ.
1. ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތައް

ފަތްޕިލާވެލީގެ ބާވަތްތަކަކީ ހަޖަމު ކުރުމުގެ ނިޒާމަށް ރަނގަޅު އެއްޗެއް.
ސްޕިނަޗް، ކޭލް އަދި އެހެނިހެން ފެހިކަން ގަދަ ފަތްތަކުގައި ކްލޮރޮފިލް މާއްދާ ގިނައިން އެކުލެވެއެވެ. މިއީ ގައިން ނުބައި ވަސް ނައްތާލާ މާއްދާއެކެވެ. ކްލޮރޮފިލްއިން ހަށިގަނޑުގައި ހުންނަ ނުބައި ވަސް އުފައްދާ ވިހަތައް ނައްތާލުމަށް އެހީތެރިވެދެއެވެ. މިފަދަ ފަތްޕިލާވެލި އާންމުކޮށް ކާ އެއްޗެހި ހަޖަމުކުރުމަށްވެސް އެހީތެރިވެދޭނެއެވެ. މިއީ ރަނގަޅަށް ކާނާ ހަޖަމު ނުވުމުގެ ސަބަބުން އުފެދޭ ނުބައި ވަސް ނައްތާލާނެ އެއްޗެކެވެ.
2. ހުތް މޭވާ

ހުތް މޭވާގެ ބާވަތްތަކުގެ ތެރޭގައި އޮރެންޖާއި ލުނބޯ ހިމެނޭ.
އޮރެންޖު، ލުނބޯ އަދި ގްރޭޕްފްރޫޓްގައި ފެނުގެ އިތުރުން ގިނަ އަދަދަކަށް ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓްތައް އެކުލެވެއެވެ. މި މޭވާގެ ބާވަތްތަކުން ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ނައްތާލުމަށް އެހީތެރިވެދޭ އިރު ތާޒާ، މީރު ވަހެއް އުފައްދައެވެ. އޭގެ އެސިޑިޓީއިން ހަމުގެ ޕީއެޗް ބެލެންސް ކުރުމަށް އެހީތެރިވެދޭ އިރު، ނުބައި ވަސް އުފައްދާ ބެކްޓީރިއާ އުފެދުން މަދުކުރެއެވެ.
3. ހަވާދުގެ ބާވަތްތައް

ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ކާފުރުތޮޅި އަދި ފޮނިތޮށި ހިމެނޭ.
ޕާސްލީ، ކުދީނާފަތް އަދި ކޮތަންބިރި ފަދަ ހަވާދުގެ ބާވަތްތަކަކީ ގުދުރަތީ ގޮތުން އަނގައިގެ އަދި ހަށިގަނޑުގެ ވަސް ރަނގަޅުކުރާ އެއްޗިއްސެވެ. މީގައި އެކުލެވޭ އެސެންޝަލް އޮއިލްތަކާއި ކްލޮރޮފިލްއިން ނުބައި ވަސް ނައްތާލުމަށް އެހީތެރިވެދެއެވެ. ކާފުރުތޮޅި އަދި ފޮނިތޮށި ފަދަ ތަކެތި އާންމުކޮށް ބޭނުންކުރުމުން ހަމުގައި ހިތްގައިމު މީރު ވަސް ދުވުމަށް އެހީތެރިވެދެއެވެ.
4. ގްރީން ޓީ

ގްރީން ޓީއަކީ ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކޮށްދޭ އެއްޗެއް.
އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ގްރީން ޓީގައި އެންޓިބެކްޓީރިއަލް މާއްދާތައް އެކުލެވިގެން ވެއެވެ. މިއިން ހަށިގަނޑުގައި ނުބައި ވަސް އުފައްދާ ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތް ކުރެއެވެ. ގްރީން ޓީ ބުއިމުން ގުދުރަތީ ގޮތުން ހަށިގަނޑުގައި ހިމެނެ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ އިރު، މުޅި ހަށިގަނޑުގެ ސާފުތާހިރުކަން ރަނގަޅުކޮށްދެއެވެ.
5. ޔޯގަޓް

ކެއުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ޕްލޭން ޔޯގަޓް.
ޔޯގަޓްގައި ޕްރޮބައޮޓިކްސް ގިނައިން އެކުލެވެއެވެ. މިއިން ހަޖަމުކުރާ ނިޒާމުގައި ހުންނަ ރަނގަޅު މައިކްރޯބައޯމް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ރަނގަޅަށް ހަޖަމުކުރާ ނިޒާމު މަސައްކަތްކުރާނަމަ ނުބައި ވަސް ދުވުމަށް މެދުވެރިވާ ޓޮކްސިން ހަށިގަނޑުން މަދުވެއެވެ. އެންމެ ރަނގަޅު ގޮތަކީ ޕްލޭން ޔޯގަޓް ފޮނި ނުކޮށް ބޭނުންކުރުމެވެ.
6. ގިނަ އަދަދަކަށް ފެން އެކުލެވޭ ކާނާ

ކަރާއާއި ކިއުކަމްބާއަކީ އޭގައި ގިނަ އަދަދަކަށް ފެން އެކުލެވޭ އެއްޗެހި.
ކިއުކަމްބާ، ކަރާ އަދި ސެލެރީއަކީ ފެން ގިނައިން އެކުލެވޭ ކާނާއެވެ. މިއިން ހަށިގަނޑަށް ފެން ފޯރުކޮށްދީ ޓޮކްސިންތައް ނައްތާލުމަށް އެހީތެރިވެދެއެވެ. ހަށިގަނޑަށް ގިނައިން ފެން ލިބުމަކީ ގައިން ހިއްލާ ދަލުގައި ހުންނަ ނުަބައި ވަސް ނައްތާލުމަށް އެހީވެދޭނެ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބުމަކީ ގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ ކަމެކެވެ.
7. ގޮވާމުގެ ބާވަތްތައް

ގޮވާމުގެ ބާވަތްތައް ލޭގެ ހަކުރު މަތިވުމުގެ ސަބަބުން ދާހިއްލުން ކޮންޓްރޯލްކޮށްދޭ.
ބްރައުން ރައިސް، ކީންވާ އަދި އޯޓްމީލްގައި ފައިބަރ ގިނައިން އެކުލެވެއެވެ. މިއިން ހަޖަމުކުރުމަށް އެހީތެރިވެދޭ އިރު، ގައިގައި ނުބައި ވަސް ދުވުމަށް މެދުވެރިވާ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް މަދުކުރެއެވެ. ގޮވާމުގެ ބާވަތްތަކަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އިރު، ލޭގެ ހަކުރު މައްޗަށް ދިއުމުގެ ސަަބަބުން އުފެދޭ ގިނައިން ދާހިއްލުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.
8. ނަޓްސް އަދި އޮށުގެ ބާވަތްތައް

މި ބާވަތުގެ ކާނާގެ ތެރޭގައި ވޯލްނަޓް އަދި ފްލެކްސްސީޑް ހިމެނޭ.
އާމަންޑް، ވޯލްނަޓް އަދި ފްލެކްސްސީޑްގައި މެގްނީޒިއަމް އަދި ޒިންކް ގިނައިން އެކުލެވެއެވެ. މިއިން ދަލުގައި ހުންނަ ނުބައި ވަސް އުފައްދާ ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. މި ބާވަތުގެ ކާނާގެ ސަބަބުން ހަންގަނޑު ތާޒާކޮށް ބަހައްޓައިދެއެވެ.

