ރާއްޖޭގައި ހައި ސްޕީޑް ފެރީ ނެޓްވޯކް ޤާއިމުކުރުމަށްޓަކައި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ލޯންޗު ބަނދެ ޓެސްޓު ކުރަން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީ ނެޓްވޯކަކުން ގުޅުވާލުމަކީ މިސަރުކާރުގެ ވައުދުތަކުގެތެރެއިން ވައުދެކެވެ. އެހެންކަމުން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން މިނިޒާމް ރާއްޖޭގައި ޤާއިމުކުރުމުގެ ގޮތުން ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަދު މިވަނީ ފުރަތަމަ ލޯންޗު ބާލާފައެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ލޯންޗުގައި އިންޖީނުވެސް އެޅުމަށްފަހު މިއަދު މިބޭލީ ޓެސްޓުކުރުމަށް ކަމަށާއި މިލޯންޗުތައް ފަރުމާކޮށްފައި މިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް އަރާ ފައިބާން ފަސޭހަ ގޮތަކަށް ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މިޕްރޮގްރާމްގެ ދަށުން ބަންނަ ލޯންޗުތައް އާދައިގެ ދޯނިތަކާ އަޅާ ބަލާއިރު ތިންގުނަ ބާރަށް ދުވާނެ ކަމަށެވެ. 50 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ މިލޯންޗުތައް 30 ނޮޓްގެ ބާރުމިނުގައި ދުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމިގެންދާއިރު 41 ރަށަކަށް ހައިސްޕީޑް ފެރީގެ ޚިދުމަތް ލިބިގެންދާނެއެވެ. އެންމެ ފުރަތަމަ ދަތުރުތައް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތައް ކަމަށްވާ ހއ.ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ. މިދަތުރުތަކަށް ބޭނުންވާ 17 ލޯންޗެއް ބަންނަން ފަށާފައިވާއިރު އަންނަ ނޮވެމްބަރ ނިމުމުގެ ކުރިން ހަލޯންޗެއްގެ ދަތުރު ފެށިގެންދާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

