މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ސްޓޭޖު ތަޅާލުމަށްފަހު، އައު ސްޓޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރުގެ ސްޓޭޖު ތަޅާލައި އަމިއްލަ ތަކެތީގައި އާ ސްޓޭޖެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައިވެއެވެ.
ކައުންސިލުން އިތައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ސްޓޭޖް އެޅުމުގެ މަސައްކަތަށް ކައުންސިލުން އަގު ދައްކާނީ މަސައްކަތް ކޮށް ނިންމުމަށްފަހު ބިލް ކުރުމުން ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.
ކާނިވާ ސްޓޭޖަކީ އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށާއި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާ ތަނެކެވެ. ނަމަވެސް، މި ސްޓޭޖް ވަނީ ވީރާނާވެ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި ސަބަބަށްޓަކައި، ޒަމާނީ ފެންވަރަށް އަލުން ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފާސްކޮށްފައެވެ.

